ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު، މިލަދުންމަޑުލު ދެކުނުބުރީ ވެލިދުއަށް ވަޑައިގެން، އެރަށު ރައްޔިތުންނާ މިރޭ ބައްދަލު ކުރައްވައިފިއެވެ. އެމަނިކުފާނު ވެލިދުއަށް ވަޑައިގަތީ މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރެއްވުމަށް މިއަދު ހެނދުނު ފެށްޓެވި ރަސްމީ ދަތުރުފުޅުގެ ބައެއްގެ ގޮތުންނެވެ.

ވެލިދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ވެލިދޫގެ ތަރައްޤީއަށްޓަކައި ކުރެވެމުންދާ އެކި އެކި މަސައްކަތްތަކަށާއި، ސަރުކާރުން ރާއްވަވާފައިވާ އެކިއެކި މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އަދި، ތަރައްޤީއާއެކީ އެކި ކަހަލަ ގޮންޖެހުންތަކާވެސް ކުރިމަތިލާންޖެހޭނެ ކަމުގައި ވިދާޅުވެ، އެހެންނަމަވެސް މިފަދަ ހުރިހާ ކަމަކާވެސް މި ސަރުކާރުން ކުރިމަތިލައްވައި، ރައްޔިތުން ބޭނުންވާ ފަދަ ތަރައްޤީއެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްވިއެވެ.