މި ސަރުކާރާއެކީ ގުޅިގެން ކުރިއަށް ދިއުމަށް ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވައިލެއްވީ، މިލަދުންމަޑުލު ޅޮއްސަށް މިއަދު ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން ޤާއިމްކޮށްދެއްވޭނީ ޢުމްރާނީ ވަޞީލަތްތައް ކަމުގައި ވިދާޅުވެ، އެ ވަޞީލަތްތަކުގެ ބޭނުން ހިފައިގެން ތަރައްޤީގެ މަގުގައި ކުރިއަށް ދިއުމަކީ އެރަށެއްގެ މަސައްކަތްތެރިންނާއި، ވިޔަފާރިވެރިންނާއި، ރައްޔިތުންގެ އަތްމަތީގައިވާ ކަމެއް ކަމުގައި ވިދާޅުވިއެވެ.

ރާއްޖޭގެ ތަރައްޤީއަށާއި، ދިވެހި ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ބައްލަވައިލެއްވިއެވެ. އަދި، މި ސަރުކާރުން މަސައްކަތްކުރައްވަނީ ޤައުމުގެ ޒުވާނުންނާއި، އިސްރަށްވެހިންނާ ގުޅިގެންކަން ފާހަގަ ކުރައްވަމުން، މި ސަރުކާރަކީ، އިސްރަށްވެހިންގެ އިރުޝާދުތަކާއި، އެބޭފުޅުންގެ ތަޖުރިބާގެ އަލީގައި، ޒަމާނީ ގޮތްތަކާ އެކު ކުރިއަށްދާން އޮތް ސަރުކާރެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

މީގެ އިތުރުން، ޅޮހީގެ ތަރައްޤީއަށްޓަކައި ސަރުކާރުން ރާއްވަވާފައިވާ އެކިއެކި މަޝްރޫޢޫތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. އަދި، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި ޤައުމު އާ މަންޒިލަކަށް ގެންދެވޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިލަދުންމަޑުލު ދެކުނުބުރީ ޅޮއްސަށް ކުރެއްވި ޒިޔާރަތަށްފަހު ދެން ވަޑައިގެންނެވީ އެއަތޮޅު މާފަރަށެވެ. އެރަށުގެ އެއާޕޯޓުގެ ބިންގާ އަޅުއްވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން، މިލަދުންމަޑުލު ދެކުނުބުރި ވެގެންދާނީ ކުރިއަށް އޮތްތާނގައި ވަރަށް ގިނަ ރިޒޯޓްތަކެއް ހުޅުވި، ވަރަށް ގިނަ ވަޒީފާތަކެއް އުފެދޭނެ އަތޮޅަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. އަދި، ރާއްޖޭގައި ކަނޑު ދަތުރުފަތުރު ކުރުމުގައި ދިމާވާ ދަތިކަން ފާހަގަ ކުރައްވަމުން، މި ސަރުކާރުގެ ދަތުރުފަތުރުގެ އަމާޒަކީ ވައިގެ މަގުން މުޅި ދިވެހިރާއްޖެ ގުޅުވައިލުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. މީގެ އިތުރުންވެސް މާފަރުގެ ތަރައްޤީއަށްޓަކައި ސަރުކާރުން ރާއްވަވާފައިވާ އެކިއެކި މަޝްރޫޢޫތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.