މި ސަރުކާރުގެ ބޭނުންފުޅަކީ ދިވެހި މުޖުތަމަޢަކީ ޒުވާނުންނަށް ބަރޯސާވާ، ޒުވާނުންނަށް ކަމޭހިތާ، އެމީހުންނަކީ މި މުޖުތަމަޢުގައި ޢިއްޒަތާއި ޤަދަރުހުރި، އަބުރުވެރި ބައެއްގެ ގޮތުގައި ޒުވާނުންނަށް ޤަބޫލުކުރެވޭނެ ފަދަ މުޖުތަމަޢެއް ބިނާކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، "ކުޅިވަރު މެނިފެސްޓޯ ޔަގީން" ޙަފްލާގައި، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ސަރުކާރުން އަޅުއްވައިދެއްވާ ފުޓްސެލް ދަނޑުތައް ރަސްމީގޮތުން ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުންނެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވެވި މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން، ޒުވަނުންނަކީ މުޖުތަމަޢަށް ބޭނުންތެރި ބައެއްކަމަށް އަމިއްލައަށް ޤަބޫލުކުރެވޭނަމަ، އެމީހުންނަކީ އީޖާބީ ގޮތެއްގައި ޤައުމަށް ބޭނުންކުރެވޭ ބަޔަކަށް ވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ޒުވާނުން އެމީހުންގެ މަސައްކަތުގައި ކުރިއަށް ދިއުމަށް އެއްވެސް ހުރަހެއް، އަދި މިނެއްވެސް ނެތްކަމަށާއި، ޒުވާނުން ބޭނުންވާ ހިސާބަށް ކުރިއަށްދިއުމަށް ދިވެހި ސަރުކާރުން އިރާދަކުރެއްވިއްޔާ ހުރިހާ ވަޞީލަތްތަކެއް ތަނަވަސް ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޒުވާނުންނަކީ ހަމައެކަނި ކުޅިވަރުގައި އުޅޭ ބައެއްނޫންކަމަށާއި، މުޖުތަމަޢުގެ ބިނާކުރަނިވި ގިންތީގައި، އެންމެ ޖޯޝާއި ހަކަތައާއެކު، އެންމެ ވަރުގަދައަށް ދިވެހިރާއްޖޭގެ މުޖުތަމަޢު ބަދަލު ކޮށްދޭނެ ބަޔަކަށްވާނީވެސް ޒުވާނުން ކަމުގައި ވިދާޅުވިއެވެ. އަދި، ޒުވާނުންނަކީ ކުށުން ދުރުގައި ތިބޭ ބަޔަކަށްވުމަށާއި، ޒުވާނުންނަކީ ބިނާކުރަނިވި ބަޔަކަށް ވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކުޅިވަރު ކުޅުންތެރިންނަކީ ކޮންމެ ޤައުމެއްގައިވެސް ނަމޫނާ ޝަޙުސިއްޔަތުތަކެއްކަން ފާހަގަ ކުރައްވަމުން، ދިވެހި ކުޅުންތެރިންނަށް ކޮށްދެވޭނެ ކަންތައްތައް ދިވެހި މުޖުތަމަޢުގައިވެސް މަދުނޫން ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މި ސަރުކާރުން ބެނުންފުޅުވަނީ، ޒުވާނުންނަކީ ދިވެހި ޖީލު އާރާސްތުކުރާ ބަޔަކަށް ވެގެންދިއުމަށާއި، މިއަންނަ ޖީލުގެ އަސާސް ނުވަތަ ބިންގާ އަޅައިދޭނެ ބަޔަކަށް ވެގެންދިއުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، އޭގެ ސަބަބުން ޒުވާނުންނާ ދޭތެރޭގައި ރައްޔިތުންގެ ކަމޭހިތުން އިތުރުވެގެންދާނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.

މިރޭގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން، ޒުވާނުންނަކީ ކުޅިވަރު ކުޅެމުން، މުޖުތަމަޢާ އެކީ މަސައްކަތްކުރާ ބަޔަކަށް ހެދުމަށް ޒުވާނުންނަށް ހިތްވަރު ދެއްވުމުގެ ގޮތުން، ޒުވާނުންގެ ޤައުމީ އިނާމުދޭ ދާއިރާތަކަށް މިއަހަރު ސަރުކާރުން ބަދަލު ގެންނަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިބަދަލާއެކު، މިފަހަރު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ޒުވާނުންނާއި، ދުންފަތުގެ އިސްތިއުމާލާ ދެކޮޅަށް މަސައްކަތްކުރާ ޒުވާނުންނާއި، މުޖުތަމަޢުގައި ކުށް މަދުކުރުމަށް ވަކާލާތުކޮށް އަމަލީ މަސައްކަތްކުރާ ޒުވާނުންނާއި، ދަރުމަވެރި ޒުވާނުން ފާހަގަ ކުރެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުންވެސް ޒުވާނުން ބާރުވެރި ކުރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.