ބެލްޖިއަމް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޔާން ލުކްސް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ބެލްޖިއަމްގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި، ރާއްޖެއާއި ބެލްޖިއަމާ ދެޤައުމުން ކަންބޮޑުވާ އެކިއެކި މައްސަލަތަކާ ބެހޭގޮތުންނާއި، މިކަންކަން ޙައްލުކުރެއްވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ބެލްޖިއަމްގެ ސަފީރު މަޝްވަރާ ކުރެއްވިއެވެ. މިގޮތުން، ދުނިޔޭގެ މޫސުމާ ގުޅޭ އެކިއެކި މައްސަލަތަކާއި، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާ ބެހޭގޮތުން ދެބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ރާއްޖެއިން ދެމުންގެންދާ އަހަންމިއްޔަތު ފާހަގަކުރެއްވިއެވެ. މިގޮތުން، ރާއްޖޭގެ ބައެއް ރަށްރަށުގައި މިހާރުވެސް އިރުގެ ހަކަތައިން އުފައްދާ ކަރަންޓު ބޭނުންކުރަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، މުޅި ރަށަށް އިރުގެ ހަކަތައިން ކަރަންޓު ފޯރުކޮށްދޭ ގޮތަށް ރާއްޖޭގައި ރިޒޯޓެއް ހިންގަމުންދާކަންވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޒުވާނުންނަށްޓަކައި ހުޅުމާލޭގައި ތަރައްޤީކުރެވޭ ޔޫތު ސިޓީއާ ބެހޭ މަޢުލޫމާތު ބެލްޖިއަމްގެ ސަފީރާ ޙިއްޞާ ކުރެއްވިއެވެ. ޒުވާނުންގެ ތަރައްޤީއަށްޓަކައި އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުފުޅުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، އިޤްތިޞާދީ ގޮތުންނާއި ސިޔާސީ ގޮތުން ޒުވާނުން ބާރުވެރި ކުރުވުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތު ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ. އަދި، އިޤްތިޞާދީ ތަރައްޤީގެ ސަބަބުން ޤައުމަށް ދިމާވެފައިވާ އިޖްތިމާޢީ ވަރަށް ގިނަ ގޮންޖެހުންތައް ޙައްލުވެގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން، އިސްލާމްދީނާއި ދިވެހިންގެ ޤައުމިއްޔަތު ނެގެހެއްޓުމަށް ރާއްޖެއިން އަބަދުވެސް އިސްކަންދޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ބެލްޖިއަމް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޔާން ލުކްސް، ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ސަފީރުގެ މަޤާމުގައި މަސައްކަތްކުރެއްވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ފަޚުރެއް ކަމުގައި ވިދާޅުވެ، އެމަނިކުފާނުގެ ދައުރުގައި ރާއްޖެއާއި ބެލްޖިއަމާ ދެމެދު އިތުރަށް ގުޅުން ބަދަހި ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ.

‏‏މި‏‎ ‎‏ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙަންމަދު ހުސައިން ޝަރީފު ބައިވެރިވެވަޑައިގެންނެވިއެވެ.