އެންމެ މޮޅު މީހާއަކީ އަޑުގަދަ މީހާ ނޫންކަމަށާއި، އެންމެ މޮޅު މީހާއަކީ ސިކުނޑި ބޭނުންކޮށްގެން، ކެތްތެރިކަމާއި ރިވެތި އަޚްލާޤާއެކީ، ބުރަ މަސައްކަތްކޮށް ކާމިޔާބު ހޯދާ މީހާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ސްކޫލްތަކުގެ މެދުގައި ބޭއްވޭ ކުޅިވަރުގެ އެކިއެކި މުބާރާތްތަކުން ރަންވަނަ ޙާޞިލްކުރާ ކުދިންގެ އަގުވަޒަންކޮށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދެއްވާ "ކަލަރސް އެވޯޑްސް" ދިނުމަށް މިރޭ ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިގޮތުން މިރޭ މިބޭއްވުނީ ނިމިގެންދިޔަ 2014 ވަނަ އަހަރު ސްކޫލްތަކުގެ މެދުގައި ބޭއްވުނު ކުޅިވަރުގެ އެކިއެކި ޙަރަކާތްތަކުން މަތީ ވަނަތައް ހޯދި ކުދިންނަށް އިނާމު ދިނުމުގެ ރަސްމިއްޔާތެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ އަމިއްލަފުޅު ތަޖުރިބާތައް ޙިއްޞާ ކުރައްވަމުން، ކާމިޔާބާ ހަމައަށް ވާޞިލްވެވޭނީ ބުރަ މަސައްކަތާ އެއްވަރަށް އެމީހެއްގެ ކިބައިގައި ހިތްވަރު ހުރެގެން ކަމުގައި ވިދާޅުވިއެވެ. އަދި، ކުޅިވަރުގެ ތެރެއިން ދަސްކޮށްދޭ ދިރިއުޅުމުގެ އެކިއެކި ފިލާވަޅުތަކުގެ މައްޗަށް ބައްލަވައިލައްވަމުން، ކެތްތެރިކަމުގެ މުހިންމު ސިފައަކީ ކުޅިވަރުގެ މައިދާނުގައި ދަސްވާ ވަރަށް މުހިންމު ފިލާވަޅެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، އެންމެން ގުޅިގެން މަސައްކަތް ކުރުމާއި، އެކަކު އަނެކަކަށް އިތުބާރު ކުރުމަކީވެސް ކުޅިވަރުގެ ތެރެއިން އަށަގަންނުވާ ވަރަށް މުހިންމު ސިފައެއްކަން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފާހަގަ ކުރެއްވިއެވެ. މިގޮތުން، ކިތަންމެ މޮޅަށް ކިޔެވި ނަމަވެސް ވަޒީފާގެ މައިދާނަށް ނުކުންނައިރު ތިމާއަށް އެހެން މީހުންނާ ގުޅިގެން މަސައްކަތްކުރަން ދަސްވެފައިނުވާނަމަ ވަރަށް އަވަހަށް ތިމާ ބާކީވެގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި، މުޖުތަމަޢަށް ފައިދާހުރި، ބޭނުންތެރި ޒުވާނުން އުފެއްދޭނީ މިއަދުގެ ސްކޫލް ދަރިވަރުންގެ ކިބައިގައި ހަރުދަނާ ސުލޫކީ މިންގަނޑުތަކެއް އަށަގަންނުވައިގެން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި، ކަލަރސް އެވޯޑު ހޯދި ދަރިވަރުންނަށް ޤައުމީ ފެންވަރުގައާއި، ބައިނަލްއަޤްވާމީ ފެންވަރުގައި ކާމިޔާބު ޙާޞިލްކުރުމުގެ ޤާބިލުކަން ލިބިފައިވާކަމުގައި ވިދާޅުވިއެވެ. އަދި، ކުޅިވަރުގެ މައިދާނުގައި ކުދިންގެ ހުނަރުވެރިކަން އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި އެކުދިންނަށް ހޯދައިދޭންޖެހޭ ފުރުޞަތުތައް ހޯއްދަވައިދެއްވުމަށް މި ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅުގައި، ކާމިޔާބެއް ލިބުމުން އެކަމާ ބޮޑާނުވެ، ހިތްތިރިކުރުމަށް ހުރިހާ ދަރިވަރުންނަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. ހަމައެއާއެކު، ކިތަންމެ މޮޅަށް ކުޅުނު ނަމަވެސް ބަލިވެދާނެކަމަށާއި، ބަލިވުމުން އެކަން ޤަބޫލުކޮށް، ކުރިއަށް އޮތްތާނގައި އެއަށްވުރެ ރަނގަޅަށް މަސައްކަތްކުރުމަށް ވިސްނަންޖެހޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި، "ކަލަރސް އެވޯޑް 2014" ގެ، 18 އަހަރުން ދަށުގެ އުމުރު ފުރައިން އެއްވަނަ ހޯދި ދަރިވަރުންނަށާއި، 2014 ވަނަ އަހަރު ކުޅިވަރުގެ ރޮގުން އެންމެ މޮޅު ދަރިވަރަށް އިނާމު ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރެވެ.