ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަރިހަށް، ޗައިނާގެ ވައިސް މިނިސްޓަރ އޮފް ކޮމަރސް، ގާއު ޔެން، އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. ‏

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ޗައިނާއާ ދެމެދު ޤާއިމްކުރެވިފައިވާ ގާތް ގުޅުން ފާހަގަ ކުރައްވައި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ޗައިނާގެ ވައިސް މިނިސްޓަރ އޮފް ކޮމަރސް މަޝްވަރާ ކުރެއްވިއެވެ. އަދި، މިދިޔަ އަހަރު ޗައިނާގެ ރައީސް ޝީ ޖިންޕިންގ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ދޭތެރޭގައިވާ ގުޅުން އެތައް ރޮނގަކުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަންވެސް ދެ ބޭފުޅުން ފާހަގަ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޗައިނާ ސަރުކާރުގެ އެހީއާއެކު މާލެއާއި ހުޅުމާލެއާ ދެމެދު ބިނާކުރާ "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" އަކީ މުޅި ދިވެހި ރައްޔިތުންގެ އުއްމީދުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫޢެއްކަން ފާހަގަ ކުރެއްވިއެވެ. އަދި، މި މަޝްރޫޢުގެ ސަބަބުން، ސަރުކާރުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ވަރަށް ގިނަ ލަނޑުދަނޑިތަކެއް ޙާޞިލްކުރެއްވުމަށް މަގުފަހިވެގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޒުވާނުން ބާރުވެރިކުރުމާއި، ޒުވާނުންނަށް ބޯހިޔާވަހިކަމުގެ ފުރުޞަތުތައް ތަނަވަސްކޮށްދެއްވުމަކީ އެމަނިކުފާނުގެ އެންމެ މުހިންމު އެއްވަޢުދުފުޅުކަން ފާހަގަކުރައްވަމުން، ބްރިޖްގެ މަޝްރޫޢަކީ ޚާއްޞަކޮށް ޒުވާނުންގެ ހުވަފެންތަކާ ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫޢެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، މިވަގުތު ރާއްޖެއަށް އެންމެ ބޭނުންތެރި ކަމެއްގެ ގޮތުން ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށާއި، ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރެއްވުމަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޗައިނާގެ ވިޔަފާރިވެރިން ރާއްޖޭގައި އިންވެސްޓްކުރުމަށް ބަހައްޓާ ޝައުޤުވެރިކަން ފާހަގަކުރައްވައި، އެޤައުމުގެ ވިޔަފާރިވެރިން ރާއްޖޭގައި އިތުރު ދާއިރާތަކުން އިންވެސްޓްކުރުމަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔާކަމުގައި ވިދާޅުވިއެވެ. އަދި، ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކޮށް، ރާއްޖެއަށް އިޖްތިމާޢީ ހަމަޖެހުން ގެނައުމުގައި ޗައިނާއިން އަދާ ކުރަމުންދާ މުހިންމު ދައުރަށްޓަކައި އެޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާ ކުރެއްވިއެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ރާއްޖެއަކީ ހުރިހާ ޤައުމެއްގެ ރަހުމަތްތެރިއެއް ކަމަށާއި، މިޤައުމުގެ ސިޔާދަތަށް އިޙްތިރާމްކުރާ ކޮންމެ ޤައުމަކާއެކުވެސް ހަރުދަނާ ގުޅުންތަކެއް ޤާއިމްކޮށް، އެ ގުޅުންތައް ދެމެހެއްޓުމަށް ރާއްޖެއިން އިސްކަންދޭނެ ކަމުގައި ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ޗައިނާގެ ވައިސް މިނިސްޓަރ އޮފް ކޮމަރސް، ގާއު ޔެން ދެއްކެވި ވާހަކަފުޅުގައި، "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" ގެ މަޝްރޫޢަށް ދިވެހި ސަރުކާރެކޭ އެއްފަދައިން ރާއްޖޭގެ ރައްޔިތުން ދޭ މުހިންމުކަން އެކަމަނާއަށް ވަރަށް ރަނގަޅަށް ވަޒަންކުރެއްވިއްޖެ ކަމުގައި ވިދާޅުވިއެވެ. އަދި، މި މަޝްރޫޢު ކާމިޔާބު ކުރުމުގައި ޗައިނާ ސަރުކާރުގެ ފުރިހަމަ އެއްބާރުލެއްވުން ރާއްޖެއަށް ދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ޗައިނާގެ ވައިސް މިނިސްޓަރ އޮފް ކޮމަރސް ދެއްވިއެވެ. އަދި ކުރިއަށް އޮތްތާނގައި، "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" ގެ މަޝްރޫޢު ފަދަ އިތުރު މަޝްރޫޢުތަކެއްގައި ދެޤައުމުން ގުޅިގެން މަސައްކަތް ކުރާނެކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ.

"ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" އަކީ ރާއްޖޭގެ ތާރީޚުގައި ބިނާކުރާ މިފަދަ ފުރަތަމަ ބްރިޖްކަން ފާހަގަ ކުރައްވަމުން، މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށް ދާ ގޮތާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ ޗައިނާގެ ވައިސް މިނިސްޓަރ އޮފް ކޮމަރސް މަޝްވަރާ ކުރެއްވިއެވެ. މިގޮތުން، ބްރިޖްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ދިމާވާ ގޮންޖެހުންތައް ޗައިނާގެ ވައިސް މިނިސްޓަރ އޮފް ކޮމަރސް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާ ކުރެއްވިއެވެ. އަދި، މި މަޝްރޫޢު ކާމިޔާބުކަމާއެކު ފުރިހަމަ ކުރުމުގައި ދިވެހި ސަރުކާރުގެ ފުރިހަމަ އެއްބާރުލެއްވުން ވަރަށް މުހިންމުކަމުގައި ވިދާޅުވެ، ރާއްޖެއިން މިހާރުވެސް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށާއި، ދިވެހި ސަރުކާރަށް އެކަމަނާ ޝުކުރު އަދާ ކުރެއްވިއެވެ.

މީގެ އިތުރުން، މިއަހަރު ފަހާގަ ކުރެވުނު ރާއްޖޭގެ މިނިވަންކަމުގެ ރަންޔޫބީލް މުނާސަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށް ޗައިނާގެ ވައިސް މިނިސްޓަރ އޮފް ކޮމަރސް ތަހުނިޔާ ވިދާޅުވިއެވެ. މިދިޔަ 50 އަހަރުގެ ތެރޭގައި ތަރައްޤީގެ ގޮތުން ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތައް ފާހަގަ ކުރައްވައި، އެކަމަށްޓަކައި އެކަމަނާ ތަޢުރީފު ކުރެއްވިއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޒަޢާމަތުގައި ރާއްޖެއަށް އެކި ދާއިރާތަކުން ތަރައްޤީގެ އާ އުސްމިންތަކަކަށް ވާޞިލްވެވޭނެކަން ޔަޤީންކުރައްވާ ކަމުގައިވެސް ޗައިނާގެ ވައިސް މިނިސްޓަރ އޮފް ކޮމަރސް ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙަންމަދު ޙުސައިން ޝަރީފާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙަންމަދު ސަޢީދު ބައިވެރިވެވަޑައިގެންނެވިއެވެ.