ރާއްޖެއަށް އިޤްތިޞާދީ ކުރިއެރުން ޙާޞިލްކޮށްދެއްވުމާ އެއްވަރަށް، ރާއްޖޭގައި ހުރި އިޖްތިމާޢީ ގޮންޖެހުންތައް ޙައްލު ކުރެއްވުމަށްވެސް ސަރުކާރުން އިސްކަން ދެއްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޗައިނާ ސަރުކާރުގެ އެހީއާއެކު މާލެއާއި ހުޅުމާލެއާ ދޭތެރޭ ބިނާކުރާ "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" ގެ ޑިޒައިން އިފްތިތާޙު ކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުންނެވެ. "ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" ގެ ޑިޒައިން އިފްތިތާޙު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި، ޗައިނާގެ ވައިސް މިނިސްޓަރ އޮފް ކޮމަރސް، ގައު ޔެނެވެ.

މިރޭ ރާޅުގަނޑު ސަރަޙައްދުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ސަރުކާރުން ބޮޑަށް އިސްކަންދެއްވަނީ ރާއްޖެއަށް އިޤްތިޞާދީ ގޮތުން ކުރިއެރުން ހޯއްދަވައިދެއްވުމަށްކަމަށް ބައެއް ފަރާތްތަކުން ޤަބޫލުކުރި ނަމަވެސް، ރާއްޖޭގެ އިޖްތިމާޢީ ޙާލަތު ރަނގަޅުކުރެއްވުމަށްޓަކައިވެސް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވާކަން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފާހަގަ ކުރެއްވިއެވެ. މިގޮތުން، ރާއްޖެއަށް ކުރިމަތިވެފައިވާ އިޖްތިމާޢީ ވަރަށް ގިނަ މައްސަލަތައް، ސަރުކާރުގެ އެކިއެކި އިޤްތިޞާދީ މަޝްރޫޢުތަކުގެ ސަބަބުން ޙައްލުވެގެންދާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ޤައުމުގެ އިޤްތިޞާދު ރަނގަޅު ކުރެވުމުން އިޖްތިމާޢީ ކަންކަން ރަނގަޅުކުރަން ފަސޭހަވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ.

"ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" އަކީ ރައީސުލްޖުމްހޫރިއްޔާގެ އެންމެ ބޮޑު އެއްވަޢުދުފުޅުކަން ފާހަގަ ކުރައްވަމުން، މި ބްރިޖަކީ ހަމައެކަނި މީހުން އެއްތަނުން އަނެއް ތަނަށް ދަތުރުކުރުމަށް އޮތް މަގެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ. އަދި، މިއީ ތޮއްޖެހިފައިވާ މާލެއާއި، މުޅި ދިވެހިރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައިގެ ޙައްލު ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" ގެ ޑިޒައިން އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ.