ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ އަރިހަށް ސްވިޒަލޭންޑްގެ ސަފީރު، ހައިންޒް ވޯކަރ ނެއިޑަރކޫން،‏ މިއަދު އިޙްތިރާމުގެ ‏‏ޒިޔާރަތެއް ކުރައްވައިފިއެވެ.‏

މިއަދު މެންދުރު ‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ‏‏މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ސްވިޒަލޭންޑާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ފާހަގަ ކުރައްވައި، މިގުޅުން އެކި ދާއިރާތަކުން އިތުރަށް ‏‏ބަދަހިކުރެއްވުމާ‏‎ ‎‏ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ މުސްތަޤްބަލާ މެދު އެމަނިކުފާނުގެ ތަޞައްވުރު ޙިއްސާ ކުރައްވަމުން، ސަރުކާރުގެ އިޤްތިޞާދީ މެނިފެސްޓޯއާބެހޭ މަޢުލޫމާތު ސްވިޒަލޭންޑްގެ ސަފީރަށް ދެއްވިއެވެ. މީގެ އިތުރުން، ރާއްޖޭގެ ޢުމްރާނީ އަދި އިޤްތިޞާދީ ތަރައްޤީއަށްޓަކައި ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ބައްލަވައިލެއްވިއެވެ.

ސްވިޒަލޭންޑްގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ސިޔާސީ މަޝްރަޙުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ސިޔާސީ އެކިކަންކަމުގައި ސަރުކާރާއި ސިޔާސީ ޕާޓީތަކާ ދެމެދު މަޝްވަރާ ކުރުމުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ ނާއިބު، ފާޠިމަތު އިނާޔާ ބައިވެރިވެވަޑައިގެންނެވިއެވެ.