ޤައުމެއް ވަރުގަދަވަނީ ކޮންމެހެން ޤައުމެއް ބޮޑުވެގެން، ނުވަތަ އިޤްތިޞާދީ ގޮތުން ވަރުގަދަ ވެގެންނޫން ކަމަށާއި، ޤައުމެއް ވަރުގަދަވަނީ އެޤައުމެއްގައި ހިމެނޭ ޤައުމިއްޔަތުގެ އުސޫލުތަކަށް ތަބާވާ، އަދި އުސޫލުތައް ހިފަހައްޓަންތިބޭ ބަޔަކު އެއަށް އިޚްލާސްތެރިވެގެން، ޤައުމިއްޔަތު ކުރިއަށް ގެންދިއުމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، "ރައީސް ޔާމީން 2018" ކެމްޕެއިން ލީޑަރުން ތަމްރީންކުރުމުގެ މަހާސިންތާގެ ފުރަތަމަ ބުރު ނިންމުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ގެއްލުން ނުލިބޭ ގޮތަށް ތަރައްޤީ ހޯދަން ގުޅެންޖެހޭ ކޮންމެ ފަރާތަކާ މި ޒަޢާމަތުން ގުޅޭނެ ކަމަށާއި، ދިވެހި ސަރުކާރުގެ އުސޫލުތަކަށް ފާޑު ކިޔައި، އަބަދުވެސް އަޅުގަނޑުމެންނަށް ކަންތައް ކުރެވެނީ އަޅުގަނޑުމެންގެ އުސޫލުތަކުގެ ބޭރުންކަމަށް ވަކާލާތުކުރާނަމަ، އަޅުގަނޑުމެންގެ ސިޔާދަތާއި، ރާއްޖޭގައި ޤަބޫލުކުރާ އުސޫލުތަކަށް އިޙްތިރާމްކުރާ ޤައުމުތަކަށް އެޤައުމުތައް ވާކަމަކަށް ޤަބޫލު ނުކުރެވޭނެ ކަމުގައި ވިދާޅުވިއެވެ. އަދި، އަޅުގަނޑުމެންގެ ރަހުމަތްތެރިކަމާއި ރައްޓެހިކަން ދަމަހައްޓަން ބޭނުންވަނީ އަޅުގަނޑުމެންގެ އިސްތިޤްލާލާއި، މިނިވަންކަމާއި، މިކަންކަމުގައި އަޅުގަނޑުމެން ޤަބޫލުކުރާ މައިގަނޑު އުސޫލުތަކަށް އިޙްތިރާމްކުރާ ޤައުމުތަކާ އެކީ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ބައިނަލްއަޤްވާމީ އެކިއެކި މުއައްސަސާތަކާއި ޖަމްޢިއްޔާތަކުގައި ރާއްޖެއިން ބައިވެރިވަނީ އެކިއެކި ގޮތްގޮތުން ފައިދާތަކެއް ދިވެހިރާއްޖެއަށް ހޯދައިދެއްވުމަށްޓަކައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ. އަދި، އެޖަމްޢިއްޔާތަކުގައި ބައިވެރިވުމުގެ ހަމައެކަނި ބޭނުމަކީ، އެ ޖަމްޢިއްޔާތަކުން ދިވެހިރާއްޖޭގައި ހިނގާ ކަންތައްތަކަށް ފާރަވެރިވުން ކަމަށްވާނަމަ އެޖަމްޢިއްޔާތަކުގެ ބޭނުން މި ދިވެހި ދައުލަތަށް ކެނޑިއްޖެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ޖަމްޢިއްޔާތަކުގައި ބައިވެރިވެގެން، މިކަހަލަ މުއައްސަސާތަކުގައި ބައިވެރިވެގެން، އެ މުއައްސަސާތަކާ އެކުގައި އަޅުގަނޑުމެން އަޑު އުފުލާ ކަންކަމުގައި، ދިވެހިރާއްޖެއަކީ ކުޑަ ނަމަވެސް ރައްކާތެރިކަމާއި، ޢިނާޔަތްތަކެއް އެހެން ޤައުމުތަކަށްވެސް ލިބޭ ފަދައިން ލިބޭ ޤައުމެއް ކަމުގައި އެޖަމްޢިއްޔާގައި ހިމެނޭ އެހެން ޤައުމުތަކުން ޤަބޫލު ކުރުން. އަޅުގަނޑުމެންނަށް ވަރަށް އުނދަގޫވޭ އަޅުގަނޑުމެން ބައިވެރިވާ ޖަމްޢިއްޔާތަކުގެ އުސޫލުތަކުގެ ބަދަލުގައި ހަތަރު ފަސް ޤައުމަކުން ހުރިހާ ކަމެއް ނިންމާ ކަމަށްވާނަމަ. އަޅުގަނޑުމެން ޤަބޫލުކުރާ ބައިނަލްއަޤްވާމީ ޑިމޮކްރެސީއެއްނޫން އެއީ. އެހިސާބުން އެ ޖަމްޢިއްޔާތަކުގެ ބޭނުން ދިވެހި ދައުލަތަށް އެބަ ކެނޑޭ."

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިންގެ ޙާލަތު ބަދަލުކުރާނީ އަޅުގަނޑުމެން އަމިއްލައަށް ކަމަށާއި، އެކަން ކުރުމުގައި ބޭރުގެ ފަރާތްތަކުގެ އެހީތެރިކަން ހޯދަން ޖެހިއްޖެނަމަ އެކަންވެސް ކުރައްވާނެ ކަމުގައި ވިދާޅިވިއެވެ. އެހެންނަމަވެސް، ދިވެހިންގެ ކަންތައްތައް ދިވެހިންނަށް ހެޔޮ އެދިގެން ދިވެހިން ނޫން ބަޔަކު ނުނިންމާނެ ކަމަށާއި، ބޭރުގެ ބަޔަކު އަޅުގަނޑުމެންގެ އަމިއްލަ ކަންކަމަށް އަތް ބާނާނަމަ، އެފަރާތްތަކުގެ ކޮންމެވެސް އިތުރު ބޭނުމެއް އޮންނާނެކަން ރައީސުލްޖުމްހޫރިއްޔާ ހަނދާން ކޮށްދެއްވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ތަރައްޤީއަކީ ޠަބީޢީ ގޮތުން އަންނާނެ ކަމެއްނޫން ކަމަށާއި، ތަރައްޤީއަކީ ތަރައްޤީއަށް ވިސްނައިގެން، އަމާޒުތަކެއް އޮވެގެން، ފައިސާ ހޭދަ ކޮށްގެން، މިކަމުގައި ބައިވެރިވާ ހުރިހާ އެންމެންގެ ރުހުމާއެކީ ގެނެވޭ ބަދަލެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، އެމަނިކުފާނުގެ ޓީމުން ކުރައްވާ މަސައްކަތްޕުޅަކީ އިރާދަކުރެއްވިއްޔާ މިކަހަލަ ތަރައްޤީއެއް ރާއްޖެއަށް ގެނައުން ކަމުގައި ވިދާޅުވެ، ދިވެހި ރައްޔިތުންނަށް އިޤްތިޞާދީ ތަރައްޤީއާއި އިޖްތިމާޢީ ރައްކާތެރިކަން ހޯއްދަވައިދެއްވުމަށް މި ސަރުކާރުން ކުރައްވަމުން ގެންދަވާ އެކިއެކި މަސއްކަތްޕުޅުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލެއްވިއެވެ.

" އަޅުގަނޑުމެން މިކުރާ މަސައްކަތަކީ ދިވެހި ރައްޔިތުންނަށް ބޭނުންވާ އުފާ ފާގަތިކަމާއި ތަރައްޤީ ހޯދައިދިނުން. އަޅުގަނޑުމެން މިކުރާ މަސައްކަތަކީ ދިވެހި ދައުލަތަކީ މުސްތަޤިއްލު ސިޔާދަތެއް އޮތް، އަޅުގަނޑުމެންގެ ބާރު އެކަނި ފޯރާ ޤައުމަކަށް ދިވެހި ޤައުމު ހެދުން. އަޅުގަނޑުމެންގެ މަސައްކަތަކީ އޯގާތެރި މުޖުތަމަޢެއް ބިނާކުރަން ކުރާ މަސައްކަތް. އަޅުގަނޑުމެން މިކުރާ މަސައްކަތަކީ އަޅުގަނޑުމެންގެ އިޤްތިޞާދަކީ އަޅުގަނޑުމެން ބޭނުންވާ ހިސާބަށް ގެންދެވޭ ވަރުގެ އިޤްތިޞާދަކަށް ހެދުމަށް ކުރާ މަސައްކަތް. މިކުރާ މަސައްކަތަކީ އަޅުގަނޑުމެންގެ މި ކުޑަކުޑަ ޤައުމަކީވެސް ދުނިޔޭގައި އަޑު އުފުލައި، ދުނިޔޭގެ އެހެން ޤައުމުތަކުގެ އިޙްތިރާމާއި، ލޯތްބާއި، ޤަދަރުވެރިކަން ލިބިފައި އޮތް ޤައުމަކަށް ހެދުމަށް ކުރާ މަސައްކަތް."