ސިންގަޕޫރު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޗުއާ ތިއަން ޕޯ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ސިންގަޕޫރުގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ‏‏ތަހުނިޔާ ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެއާއި ސިންގަޕޫރާ ދެމެދު އިތުރަށް ގުޅުން ބަދަހި ވެގެންދާނެކަމަށް އުއްމީދު ކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

‏މިބައްދަލުވުމުގައި، ރާއްޖެއާއި ސިންގަޕޫރާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރު ދާއިރާތަކުން ފުޅާކުރުމުގެ މުހިންމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާއާއި ސިންގަޕޫރުގެ ސަފީރު ބައްލަވައިލެއްވިއެވެ. އަދި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުޞަތުތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސިންގަޕޫރުގެ ސަރުކާރުން ރާއްޖެއަށް އަބަދުވެސް ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާ ކުރެއްވިއެވެ. އަދި، ސަރަޙައްދީ މައިދާނުގައާއި، ބައިނަލްއަޤްވާމީ މައިދާނުގައި ދެޤައުމުން ވަރަށް ގުޅިގެން މަސައްކަތްކުރަމުން ގެންދާކަން ރައީސުލްޖުމްހޫރިއްޔާ ފަހަގަ ކުރެއްވިއެވެ.

މި ބައްދަލު ކުރެއްވުމުގައި ސިންގަޕޫރުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ ގޮތުން ޚިދުމަތްކުރެއްވުމަކީ އެމަނިކުފާނަށް ވަރަށް ބޮޑު ޝަރަފެއް ލިބިވަޑައިގަންނަވާ ކަމެއްކަމުގައި ވިދާޅުވިއެވެ. އަދި، މި މަޤާމުގައި ހުންނަވައިގެން، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ.

‏ ‏މި‏‎ ‎‏ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙަންމަދު ޙުސައިން ޝަރީފު ‏‏ބައިވެރިވެވަޑައިގެންނެވިއެވެ.‏