ކޮންމެ ސިޔާސީ ފިކުރެއްގައި ރަށްރަށުގެ ވެރިން ތިއްބެވި ނަމަވެސް، ރަށުގެ ރައްޔިތުންގެ ބޭނުމަށް ކުރެވޭ ކަންކަމަށް ހުރަސް ނޭޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސް ކުރެއްވީ، ފެނަކަ ކޯޕޮރޭޝަން ލިމިޓެޑުގެ، މިލަދުންމަޑުލު ދެކުނުބުރީ ލަންދޫ ގޮފި ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، މުޅި ރަށުގެ ތަރައްޤީއަށްޓަކައި ސަރުކާރުން ހިންގަވާ އެކިއެކި މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ހުރިހާ ރައްޔިތުންވެސް ސަރުކާރަށް އެއްބާރުލުން ދެއްވަންޖެހޭ ކަމުގައި ވިދާޅުވިއެވެ.

މިއަދު މެންދުރުކުރީގައި އޮތް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދެއްވަންޖެހޭ ޚިދުމަތެއް ދެއްވުމުގައި ރަށްރަށުގެ ރައްޔިތުންގެ ސިޔާސީ ފިކުރަކަށް ނުބައްލަވާ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރައްޔިތުން އިންތިޚާބުކުރާ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން، އެއްބަޔަކު އަނެއްބަޔަކަށް ދަތިކުރުމަކީ ޑިމޮކްރެސީއެއްނޫން ކަމަށާއި، ޑިމޮކްރެސީއަކީ ރައްޔިތުންނަށް ފައިދާހުރި ކަންކަމުގައި އެއްބާރުލައިގެން ރައްޔިތުންނަށް ކަންތައްތައް ކޮށްދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

‏ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކޮންމެ ސަރުކާރަކުންވެސް މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ދެއްވުމަށާއި، އިޤްތިޞާދު ރަގަޅުކުރުމަށް ކަމުގައި ވިދާޅުވިއެވެ. އަދި، ރާއްޖޭގެ އިޤްތިޞާދު ރަނގަޅުކުރަން މަސައްކަތްތަކެއް މިހާރު ނުކުރެވޭ ކަމުގައިވާނަމަ، އަޅުގަނޑުމެންނަށް އަނބުރާ އަތުނުލެވޭ ހިސާބަށް އިޤްތިޞާދު ސޮއްސާލައިގެން ހިނގައިދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ފުދުންތެރި ބަޔަކަށް ވުމަކީ ކޮންމެ ބަޔަކުވެސް ބޭނުންވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، އަޅުގަނޑުމެން ކުރަންވީ މަސައްކަތަކީ އަތުގައި ހުރި ވަޞީލަތްތައް އިތުރުކުރުމާއި، ނެތް ވަޞީލަތްތައް އުފެއްދުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ނެތް ވަޞީލަތްތައް އުފެއްދުމަކީ އިޤްތިޞާދީ ގޮތުން އޮތް އެންމެ ބޮޑު ގޮންޖެހުންކަމަށާއި، ހަމައެއާއެކު އެއީ އިޤްތިޞާދީ ގޮތުން ކުރެވޭ ވަރަށް މުހިންމު މަސައްކަތެއްކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.