އުރީދޫ މޯލްޑިވްސްއިން މާލެއާއި ހުޅުމާލޭގައި ސްމާރޓް ސިޓީ އިފްތިތާޚް ކުރުމަކީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު، ވިދާޅުވެއްޖެއެވެ.

އުރީދޫ މޯލްޑިވްސް އިން "ސްމާރޓް ސިޓީ" އިފްތިތާޙް ކުރުމަށްޓަކައި މިއަދު ހަވީރު ހޮޓެލް ޖެންގައި ބޭއްވުނު ޚާއްޞަ ޙަފްލާގައި ބައިވެރިވެވަޑައިގަންނަވަމުން ދެއްކެވި ވާހަކަފުޅުގައި ދޯހާގެ އިތުރުން ރާއްޖޭގައި އުރީދޫގެ ފަރާތުން ސްމާރޓް ސިޓީގެ ޚިދުމަތް ފެށުމަކީ ރާއްޖެއަށް ލިބުނު ވަރަށްބޮޑު ކުރިއެރުމަކަށް ވާއިރު، މިކަމުން ދައްކައިދެނީ ރައީސް ޔާމީންގެ މިއަދުގެ އިޤްތިޞާދީ ސިޔާސަތުތަކާ އަދި ދިވެހިރާއްޖޭގަ އޮތް ހަމަޖެހުމެވެ. އަދި ދިވެހި އާބާދީގެ 60 އިންސައްތަ އަކީ މިހާރު ސްމާރޓް ފޯންގެންގުޅޭ ބޭފުޅުންނަށް ވުމަކީ ދިވެހިރާއްޖެއަށް ލިބޭ ފަޚުރެއްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ.
މީގެ އިތުރުން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައިވެސް ސްމާރޓް ސިޓީ ހެދުމަށްޓަކައި މަޝްވަރާކުރައްވާނެކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅުގައި، އިނޮވޭޝަނަކީ ތަރައްޤީގެ މަރުޚަލާގައި އެންމެ މުހިންމު ކަންތަކެވެ. އަދި ޖޯގްރަފީ ގޮތުން ރާއްޖެ އުފެދިފައިވާ ގޮތުގެ ސަބަބުން ޤައުމުގެ ތަރައްޤީއަށް އެޅިފައިވާ ހުރަސްތަކަށް ހައްލެއް ގެނެވޭނީ އުރީދޫ ފަދަކުންފުނިތަކުން ކޮމިއުނިޓީ ޚިދުމަތްތަށް ރާއްޖޭގައި ތަޢާރަފްކުރުމުން ކަމުގައި ވިދާޅުވިއެވެ.