ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު، ފަސޭހަ މަދަދު ލޯނު ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މި ޕްރޮގްރާމް އިފްތިތާޙު ކޮށްދެއްވީ މިރޭ ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައެވެ. ފަސޭހަ މަދަދު ލޯނު ޕްރޮގްރާމަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަށް ކުރިއެރުވުމަށްޓަކައި ސަރުކާރުން އިސްލާމިކް ފައިނޭންސް މެދުވެރިކޮށް ދޫކުރުމަށް ހަމަޖެހިފައިވާ ލޯން ޕްރޮގްރާމެކެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކުރީގެ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް ހިންގެވުމާ ހަވާލުވެ ހުންނެވި ދުވަސްވަރު އިމްޕޯޓް ކޯޓާ އުވާލެއްވުމަކީ ރާއްޖެއަށް ޙާޞިލްކުރެވުނު ވަރަށްބޮޑު ކުރިއެރުމެއްކަމަށާއި، އޭގެ ފަހުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަށް އުފެދިގެން އައިކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. ނަމަވެސް މި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަށް އުފެދުމާއިއެކު ވިޔަފާރީގެ ބާޒާރުގައި ތަފާތު އެކި ގޮންޖެހުންތަކާއި ދިމާވަމުން އަންނަކަން ފާހަގަ ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވާ ގޮންޖެހުންތަކުގެ ތެރެއިން ވެސް އެއްމެ ބޮޑު އެއްގޮންޖެހުމަކީ ފައިސާގެ ދަތިކަމާ ހެދި ދިމާވާ ގޮންޖެހުންތައްކަމަށެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މިރޭ މި އިފްތިތާޙުކުރެވިގެންދާ ލޯން ޕްރޮގްރާމަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް އިން އިސްނަގައިގެން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިރުޝާދުގެ ދަށުން އިފްތިތާޙު ކުރެވިގެންދާ ވަރަށް ރަނގަޅު އިސްލާމިކް ފައިނޭންސް ސްކީމެއްކަމަށާއި، އިސްލާމިކް ފައިނޭންސަކީ ދުނިޔޭގެ ނިސްބަތުން ބެލިޔަސް ވަރަށް ބޮޑަށް ބަލައިގަނެވިފައިވާ ފައިނޭންސިންގް ނިޒާމެއްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އިތުރަށް ދެއްކެވި ވާހަކަފުޅުގައި 'ފަސޭހަ މަދަދު' ލޯނު ޕްރޮގްރާމްގައި ގިނަ ޢަދަދެއްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަށް ބައިވެރިވާނެކަމުގެ ޔަޤީންކަން އޮތްކަމަށާއި މިވިޔަފާރިތަކުން ދިވެހި ޒުވާނުންނަށް އިތުރު ވަޒީފާގެ ފުރުޞަތުތަށް ފަހިކޮށްދިނުމަށް ދިވެހި ވިޔަފާރިވެރިންގެ ކިބައިން އިލްތިމާސް ކުރެއްވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ޢަމާޒަކީ ދިވެހި ވިޔަފާރިވެރިން އުފެއްދުންކަމަށާއި، ދިވެހި ވިޔަފާރިވެރިން އުފެއްދުމަށް ސަރުކާރުން އިސްކަންދޭއިރު މި ވިޔަފާރިވެރިންވެސް ދިވެހިންނަށް ވަޒީފާގެ ފުރުޞަތުތަށް ފަހިކޮށްދިނުމަށް އިސްކަންދެއްވުމަށް ވިޔަފާރިވެރިންގެ ކިބައިން އިލްތިމާސް ކުރެއްވިއެވެ. މިހެން މިކަންކުރިޔަށް ގެންދެވިއްޖެއްޔާ އިތުރު ލޯނުގެ ފުރުޞަތުތަކެއް ފަހިވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އެރުވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވީ މިދިޔަ ހަފްތާގެ ތެރޭގައި މިނިމަން ރިޒާވްގެ ގޮތުގައި ބޭންކުގައި ހުންނަ ޢަދަދު ވިހި ޕަސެންޓުން ދިހަ ޕަސެންޓަށް ދަށްކުރެވިފައިވާ ކަމަށާއި، މިއީ ބޭންކުން އަމިއްލަ ފަރާތްތަކަށް ލޯނު ދޫކުރުމަށް ލިބުނު އިތުރު ފައިސާ ކަމުގައި ފާހަގަކުރެއްވިއެވެ. އެމަނިކުފާނު އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މީގެ ހެޔޮ އަސަރުކުރާނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށްކަމަށާއި، މި ކަންކަމާ އެކީ ރާއްޖެއަށް އިޤްތިޞާދީ ގޮތުން ވަރަށް ފުރިހަމަ ބަދަލުތަކެއް އަންނާނެކަމަށް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް އެންޑް ޓްރޭޑްގެ ފަރާތުން ބެންކް އޮފް މޯލްޑިވްސްގެ ސީ.އީ.އޯ އަށް ހަނދާނީ ފިލާ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޙވާލުކޮށްދެއްވިއެވެ.