ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ، އަލްމަރްޙޫމް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު، ރަސްމީ ޢިއްޒަތުގައި ފަސްދާނުލައިފިއެވެ. އެމަނިކުފާނުގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ، މިރޭ ޢިޝާ ނަމާދަށްފަހު މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމްގައެވެ. އިމާމުވެވަޑައިގެން ކަށުނަމާދު ކުރެއްވީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމެވެ.

އަލްމަރްޙޫމް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ފަސްދާނުލެވުނީ، ކަށުނަމާދަށްފަހު ގަލޮޅު ސަހަރާގައެވެ. އެމަނިކުފާނުގެ ސަންދޯއްޕުޅު ގަލޮޅު ސަހަރާއަށް ގެންދެވުމާއެކު، ސަންދޯއްޕުޅު މަތީގައިވާ ދިދަ ފަތްޖެހުމަށްފަހު، އެ ދިދަ އެމަނިކުފާނުގެ ދަރިކަލުން ޙަމްދޫން ޢަބްދުﷲ ޙަމީދުގެ އަތްޕުޅަށް ބެއާރަރ ޕާޓީގެ ކޮމާންޑަރ އެރުވިއެވެ.

އެމަނިކުފާނުގެ ކަށުނަމާދުގަޔާއި ޖަނާޒާގައި އަލްމަރްޙޫމް އަލްއުސްތާޛު ޢަބްދުﷲ ޙަމީދުގެ ޢާއިލާގެ މެންބަރުންނާއި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙަންމަދާއި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ދައުލަތަށް ގިނަ ދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ އޮފީސްތަކުގެ އެކިފެންވަރުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ކަށުނަމާދުގަޔާއި ޖަނާޒާގައި ޢާންމުންގެ ވަރަށްގިނަ ޢަދަދެއްގެ ބަޔަކުވެސް ބައިވެރިވިއެވެ.