އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ފަރާތުން ބައިވެރިވި ދިވެހި ކޮންޓިންޖެންޓަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މަރުޙަބާ ވިދާޅުވެއްޖެއެވެ. ދިވެހި ކޮންޓިންޖެންޓުގައި ހިމެނޭ ކުޅުންތެރިންނާއި އޮފިޝަލުންނާ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބައްދަލުކުރައްވައި، އެމަނިކުފާނު ވަނީ އެފަރާތްތަކަށް މަރްޙަބާ ވިދާޅުވެ، ސަލާމް ކުރައްވާފައެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެއިން މިފަހަރު ހޯދި ފަޚުރުވެރި ކާމިޔާބީ ފާހަގަކުރައްވައި، ވަނަ ހޯދި ކުޅުންތެރިންނަށް ފައިސާގެ އިނާމު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. މިގޮތުން، ވަކިވަކި ކުޅިވަރުތަކުގައި ބައިވެރިވި ކުޅުންތެރިންގެ ތެރެއިން، ރަންމެޑަލް ހޯދި ކުޅުންތެރިންނަށް 250،000 ރުފިޔާގެ ފައިސާގެ އިނާމު، ރިހި މެޑަލް ހޯދި ކުޅުންތެރިންނަށް 100،000 ރުފިޔާގެ ފައިސާގެ އިނާމު، އަދި ލޯ މެޑަލް ހޯދި ކުޅުންތެރިންނަށް 20،000 ރުފިޔާގެ ފައިސާގެ އިނާމު ދެއްވާގޮތަށް ވަނީ ނިންމަވާފައެވެ. އަދި، ޓީމް ކުޅިވަރުތަކުގައި ބައިވެރިވި ކުޅުންތެރިންގެ ތެރެއިން، ރަންމެޑަލް ހޯދި ޓީމުތަކުން ކޮންމެ ކުޅުންތެރިއަކަށް 35،000 ރުފިޔާގެ ފައިސާގެ އިނާމު، ރިހި މެޑަލް ހޯދި ޓީމުތަކުން ކޮންމެ ކުޅުންތެރިއަކަށް 25،000 ރުފިޔާގެ ފައިސާގެ އިނާމު، އަދި ލޯ މެޑަލް ހޯދި ޓީމުތަކުން ކޮންމެ ކުޅުންތެރިއަކަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިފައިސާގެ އިނާމު ދެއްވުމަށް ނިންމެވުމާ ގުޅިގެން މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައި މިފައިސާގެ އިނާމް ކުޅުންތެރިންނަށް ޙަވާލުކުރެއްވީ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯރޓްސް އަލްފާޟިލް އަޙްމަދު ޡުހޫރެވެ.