ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު، މޯލްޓާގެ ބޮޑުވަޒީރުގެ ނާއިބު އަދި މިނިސްޓަރ އޮފް ޔޫރަޕިއަން އެފެއާޒް އެންޑް އިމްޕްލިމެންޓޭޝަން އޮފް ދި އިލެކްޓޯރަލް މެނިފެސްޓޯ، ލުއިސް ގުރަކާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

މިއަދު އޮތް މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި މޯލްޓާއާ ދެޤައުމުގެ ދޭތެރޭ އޮތް ގުޅުން ކުރިއަށް އޮތްތާނގައި ވަރުގަދަ ވެގެންދާނެކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވެ، އިޤްތިޞާދީ ދާއިރާއިން ދެޤައުމުގެ ދޭތެރޭ ގުޅުން ބަދަހި ކުރެއްވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި، މޯލްޓާގެ ބޮޑުވަޒީރުގެ ނާއިބު މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި، މޯލްޓާއަކީ އިންވެސްޓްކުރުމަށް ނަމޫނާ ޤައުމެއް ކަމުގައި ސިފަ ކުރައްވަމުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާ ބެހޭގޮތުން މޯލްޓާގެ ބޮޑުވަޒީރުގެ ނާއިބަށް މަޢުލޫމާތު ދެއްވިއެވެ. އަދި، ރާއްޖޭގެ އިޤްތިޞާދީ ދާއިރާ ފުޅާވެފައިވާ މިންވަރުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކުރުމަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފާހަގަ ކުރެއްވިއެވެ.

މޯލްޓާގެ ބޮޑުވަޒީރުގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި، މޯލްޓާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ ނާއިބަށް ދެއްވިއެވެ.