މިޞްރުގައި ކިޔަވަން ތިބި ދިވެހި ކުދިންނާ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު މިއަދު ބައްދަލުކުރައްވައިފިއެވެ. އެމަނިކުފާނުގެ މިދަތުރުފުޅަކީ، މިޞްރުގެ ދެވަނަ ސުއެޒް ކެނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މިޞްރަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅެކެވެ.

މިއަދުގެ މި ބައްދަލުކުރެއްވުމުގައި، މިޞްރުގައި ތިބި ދިވެހި ކުދިންނާ ބައްދަލުކުރައްވައި، އެކުދިންގެ ޙާލުއަހުވާލު ބައްލަވައި، އެކުދިންގެ ކިޔެވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އޮޅުންފިލުއްވިއެވެ. އަދި އެކުދިންގެ ކުރިއެރުމަށް ސަރުކާރުގެ ފަރާތުން ކޮށްދެއްވެން ހުރި ކަންކަން ބައްލަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން، ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުން މިޞްރުގައި ތިބި ދިވެހި ކުދިންގެ ޚިޔާލު ހޯއްދެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މިދަތުރުފުޅުގައި، މިޞްރުގެ ޤަދީމީ އަހްރާމްތަކާއި އިޖިޕްޝަން މިއުޒިއަމާއި، ބުރްޖް އަލް ޤާހިރާއަށް މިއަދު ޒިޔާރަތްކުރެއްވިއެވެ.