މިއަހަރު ފާހަގަކުރެވެމުންދާ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ބިލަބޮންގ ހައި އަދި ކެންގަރޫ ކިޑްސް ހުށަހަޅާދޭ "ތާރީޚުގެ ތެރެއިން 3000" ފޮޓޯ މައުރަޒު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް މިއަދު ހަވީރު ހުޅުއްވައިދެއްވައިފިއެވެ.

ނޭޝަނަލް އާޓް ގެލެރީގައި އޮތް މި ރަސްމިއްޔާތުގައި، ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު (ނ.ޣ.ޢ.ވ)، އިނގިރޭސި ދައުލަތުގެ ޙިމާޔަތުގެ ދަށުން 26 ޖުލައި 1965 ގައި ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯއްދަވައިދެއްވުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވި ވަގުތު ނަގާފައިވާ ފޮޓޯގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ސޮއިކުރެއްވިއެވެ. އަދި، ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލްގެ ކެޕްޓަން، ރައީސުލްޖުމްހޫރިއްޔާއަށް ރަމްޒީ ހަދިޔާއެއް އެރުވިއެވެ.