ހުޅުމާލޭގައި އަމިއްލަ ފަރާތަކުން ބިނާކުރާ "ޓްރީ ޓޮޕް ހޮސްޕިޓަލް"ގެ ބިންގާ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ޗަމްޕާ މުޙަންމަދު މޫސާ މިއަދު ހެނދުނު އަޅުއްވައިދެއްވައިފިއެވެ.

އެކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، އަމިއްލަ ފަރާތްތަކުން ކުރާ މިފަދަ މަސައްކަތުގައި ސަރުކާރުގެ ފަރާތުން ދެއްވެންހުރި ހުރިހާ އެއްބާރުލުމެއް ދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި، މިހާރަށާއި ކައިރި މުސްތަޤްބަލަށް ވިސްނާއިރު، ދިވެހިރާއްޖޭގައި އެންމެ ބޮޑު އަމާޒަކަށްވާނީ، އިޤްތިޞާދީ ދާއިރާ ވަރުގަދަކުރުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މުސްތަޤްބަލް އާރާސްތު ކުރުމާއި މުސްތަޤްބަލް އޮންނާނެ ގޮތް ބައްޓަންކުރަން އަމާޒުތައް ކަނޑައަޅާއިރު، އަޅުގަނޑުމެން ބިރުގަނެގެންނުވާނެ ކަމުގައި ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މި ސަރުކާރުން މިއަދު މިކުރައްވާ މަސައްކަތްޕުޅަކީ، ވަރަށް ކުރުކުރު މުއްދަތެއްގެ ތެރޭގައި، ބޮޑެތި ވަޢުދުތަކެއް ރައްޔިތުންނަށް ޙާޞިލްކޮށްދެއްވުން ކަމުގައި ވިދާޅުވިއެވެ. އަދި، މި މަސައްކަތް ކުރިއަށް ގެންދަވާއިރު، މި ތަޞައްވުރު ބަދަލުކުރުމުގެ ވިސްނުމާއި، އެކަމުގެ ކެރުންތެރިކަން އަޅުގަނޑުމެންގެ ހުންނަންވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، ޤާނޫނީ ގޮތުންނާއި އެހެން ގޮތްގޮތުން ގެންނަވަންޖެހޭ ބަދަލުތައް މި ގެންނަވަނީ މި ސަބަބާހުރެ ކަމުގައި ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ސަރުކާރަކީ ވިޔަފާރީގެ ދާއިރާގައި، ވިޔަފާރިވެރިންނަށް ބޭނުންވާ ވަރަށްގިނަ ކަންތައްތައް ކޮށްދޭން ބޭނުންވާ ސަރުކާރެއް ކަމުގައި ތަކުރާރުކޮށް ވިދާޅުވިއެވެ. އަދި، ސަރުކާރުގެ ސިޔާސަތުތަކަށް އަންނަ ކޮންމެ ބޮޑު ބަދަލަކާ ގުޅިގެން، އަބަދުވެސް ޚިޔާލުތަފާތުވާ މީހުން އުޅޭނެ ކަމުގައި ވިދާޅުވިއެވެ. އެހެންނަމަވެސް، ޚިޔާލުތަފާތުވުމާއެކީވެސް އަޅުގަނޑުމެންނަށް ކުރިއަށް ދެވެންވާނެ ކަމަށާއި، ރާއްޖޭގެ ކުރިއެރުމަށް ހުރަސްއެޅޭގޮތަށް މަސައްކަތް ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.