މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިޔާގެ ފޮރިން ސެކްރެޓަރީ، ޑޮކްޓަރ އެސް. ޖަޔާޝަންކަރު، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި އިންޑިޔާއާ ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ބަދަހިވެފައިވާ ގުޅުން ފާހަގަ ކުރައްވައި، އިންޑިޔާއިން ރާއްޖޭގައި ކުރާ އިންވެސްޓްމަންޓްތައް އިތުރު ދާއިރާތަކަށް ފުޅާވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ.

އިންޑިޔާގެ ފޮރިން ސެކްރެޓަރީ ދެއްކެވި ވާހަކަފުޅުގައި، އިންޑިޔާއިން ރާއްޖޭގައި ކުރިއަށް ގެންގޮސްފައިވާ މަޝްރޫޢުތަކުގެ ތެރެއިން، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލަކީ ވަރަށް ފާހަގަކޮށްލެވޭ މަޝްރޫޢެއް ކަމުގައި ވިދާޅުވިއެވެ. އަދި، ރާއްޖެއަށް ބޭނުންވާ ކަންކަމުގައި، އެޤައުމުގެ ސަރުކާރުގެ ފަރާތުން އަބަދުވެސް އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަންވެސް އިންޑިޔާގެ ފޮރިން ސެކްރެޓަރީ ދެއްވިއެވެ. މީގެ އިތުރުން، ވިޔަފާރި އާއި އިޤްތިޞާދުގެ ދާއިރާއިން ރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި، އިންޑިޔާގެ ފޮރިން ސެކްރެޓަރީ ޚިޔާލު ބަދަލުކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ދުންޔާ މައުމޫނާއި، ރާއްޖޭގެ ފޮރިން ސެކްރެޓަރީ، ޑޮކްޓަރ ޢަލީ ނަޞީރު މުޙައްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑިރެކްޓަރ، މުޙައްމަދު ޙައްސާން ބައިވެރިވެވަޑައިގެންނެވިއެވެ.