މިނިވަންކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ މުނާސަބަތުގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒުން އިންތިޒާމު ކުރައްވައިގެން މިރޭ ޤައުމީ ފުޓުބޯޅަ ދަނޑުގައި ބޭއްވެވި ހެވިކަމާއި، ޝަރަފްގެ ހިނގާލުމާއި، ކުޅިވަރުގެ ޕްރޮގްރާމްތައް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބައްލަވާލައްވައިފިއެވެ. މި ރަސްމިއްޔާތަށް، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޤައުމީ ފުޓުބޯޅަ ދަނޑަށް ވަޑައިގަތުމުން، އެދެކަނބަލުންނާ އިސްތިޤްބާލު ކުރެއްވީ، މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢުމަރު ނަޞީރުގެ ދެކަނބަލުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޤައުމީ ފުޓުބޯޅަ ދަނޑަށް ވަޑައިގަތުމާއެކު، ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ކުރުނީހެއް އެރުވިއެވެ. އަދި ސިފައިންނާއި ސްކޫލްތަކުގެ އެއްކޮށްލެވިފައިވާ ބޭންޑްގައި ޤައުމީ ސަލާން ކުޅުނެވެ. އޭގެފަހުން، ދިވެހި ސިފައިންނާއި، ފުލުހުންނާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ލަޝްކަރިންނާއެކު ސްކޫލްތަކުގެ އެއްކޮށްލެވިފައިވާ ހެވިކަމުގެ ލަޝްކަރު ޝަރަފުގެ ހިނގުން އޮތެވެ. މިހިނގާލުމުގައިވެސް ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ކުރުނީހެއް އެރުވިއެވެ.

އެއަށްފަހު، ބޭއްވުނު ކުޅިވަރުގެ ޕްރޮގްރާމްތަކުގައި ބައިވެރިވީ، ސްކޫލް ކުދިންނާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި އަމިއްލަ ފަރާތްތަކުންނެވެ.