ޖަޕާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު ޖޯން ކެނިޗި ސުގަނުމަ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ޖަޕާންގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޖަޕާންގެ އާ ސަފީރުގެ ދައުރުގައި، ރާއްޖެއާއި ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިވެގެންދާނެކަމަށް ޔަގީން ކުރައްވާ ކަމުގައި ވިދާޅުވެ، މިގުޅުން އިތުރަށް ފުޅާކުރެވޭނެ ދާއިރާތަކާ ބެހޭގޮތުން ޖަޕާން ސަފީރާ މަޝްވަރާ ކުރެއްވިއެވެ. އަދި ޖަޕާނަކީ ރާއްޖޭއަށް އަބަދުވެސް ތަފާތު ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދޭ ޤައުމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ޚާއްޞަގޮތެއްގައި ސުނާމީ ކާރިޘާގައި ޖަޕާނުން ދިވެހިރާއްޖެއަށް ދެއްވި އެހީތެރިކަމަށް ޝުކުރު ދެންނެވިއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ހުޅުމާލެ އިތުރަށް ތަރައްޤީކޮށް ބޮޑުކުރުމުގެ މަޝްރޫޢާ ބެހޭގޮތުން ޖަޕާންގެ ސަފީރާ މަޢުލޫމާތު ޙިއްޞާ ކުރައްވަމުން، މާލޭގެ އިތުރުން ދެވަނައަށް އެންމެ އާބާދީ ބޮޑު ރަށަކީ ހުޅުމާލެކަމުގައި ވިދާޅުވިއެވެ. އަދި ޖަޕާނުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވަމުންދާ ކަމުގައި ވިދާޅުވިއެވެ.

ޖަޕާންގެ އާ ސަފީރު ޖޯން ކެނިޗި ސުގަނުމަ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެ ތަރައްޤީކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ތަޞައްވުރު ރަނގަޅަށް އެނގިލައްވާކަމަށް ވިދާޅުވެ، ރާއްޖެއަށް ބޭނުންވާ ކަންކަމުގައި، އެޤައުމުގެ ސަރުކާރުގެ ފަރާތުން އަބަދުވެސް އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި ވިޔަފާރި އާއި އިޤްތިޞާދުގެ ދާއިރާއިން ރާއްޖޭގެ ތަރައްޤީއަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ދެބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙަންމަދު ޙުސައިން ޝަރީފު ‏ބައިވެރިވެވަޑައިގެންނެވިއެވެ.