މިނިވަންކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ މުނާސަބަތުގައި، މިރޭ މާލޭގެ މަގުތަކުގައި ބޭއްވި ފުޅަނދުބުރު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބައްލަވާލައްވައިފިއެވެ. މި ފުޅަނދުބުރު ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ނުކުމެވަޑައިގަތީ މުލީއާގޭ ކުރިމައްޗަށެވެ.

މިރޭގެ މި ފުޅަނދުބުރު ފެށިފައިވަނީ 21.00 ގައި ސޯޝަލް ސެންޓަރ ކައިރިންނެވެ. މިނިސްޓްރީ އޮފް ހޯމް އެފެއާޒުން އިންތިޒާމްކުރެއްވި މި ފުޅަނދުރުބުރުގައި ބައެއް މިނިސްޓްރީތަކުންނާއި، މުޢައްސަސާތަކުންނާއި، ރާއްޖޭގެ ކުންފުނިތަކުން ބައިވެރިވިއެވެ.

މިނިވަންކަމުގެ ރަންޔޫބީލް ފުޅަނދުބުރު ބައްލަވާލެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި ބައެއް ވަޒީރުން، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ.