މިނިވަންކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިރޭ ދަރުބާރުގޭގައި ރަސްމީ ޖާފަތެއް ދެއްވައިފިއެވެ. މި ހަފްލާއަށް ވަޑައިގެންނެވި ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްދަލުކުރައްވައި، މިނިވަންދުވަހުގެ ތަހުނިޔާ ވިދާޅުވިއެވެ. އަދި އެބޭފުޅުންވެސް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި، ދިވެހި ރައްޔިތުންނަށް، މިނިވަންދުވަހުގެ ހެޔޮއެދުންތައް ފޮނުއްވިއެވެ.

މި ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، އުއްތަމަ ފަނޑިޔާރާއި، ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިންނާއި، ސްޓޭޓް މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ސްރީލަންކާގެ ރައީސާއި އަދި ބޭރު ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުންނާއި، މިނިވަންދުވަހުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެއިން ބޭރުން ވަޑައިގެންނެވި ޢިއްޒަތްތެރިންނާއި، މިނިސްޓަރުންގެ ނައިބުންނާއި، މިނިވަން މުއައްސަސާތަކުގެ އިސްބޭފުޅުންނާއި، ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުންނާއި، ސަރުކާރު ބައިވެރިވާ ވިޔަފާރި ކުންފުނިތަކުގެ އިސްބޭފުޅުންނާއި، ރާއްޖޭގެ މުހިންމު ޞިނާޢަތްތަކުގެ އިސްބޭފުޅުންވެސް މި ޖާފަތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.