ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، "ރުމާލު 2" މަޖައްލާއާއި "3 ހަމަ" މަޖައްލާ ނެރެދެއްވައިފިއެވެ. އެމަނިކުފާނު މަޖައްލާތައް ނެރެދެއްވީ އެކަމަށްޓަކައި މިރޭ މުލީއާގޭގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ދެ މަޖައްލާއަކީވެސް ދެ އަމިއްލަ ފަރާތަކުން އުފައްދަވާފައިވާ ދެ މަޖައްލާއެވެ. މިގޮތުން، "ރުމާލު 2" މަޖައްލާއަކީ އަޙްމަދު ނަޝީދުގެ އުފެއްދެވުމެކެވެ. އަދި "3 ހަމަ" މަޖައްލާއަކީ ޙުސައިން ޙަފީޒުގެ އުފެއްދެވުމެކެވެ.

މަޖައްލާތައް ނެރެދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މީޑީޔާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުންވެސް ޒިންމާދާރު ކަމާއި އިންސާފުވެރިކަމާއެކު ޚަބަރު ފެތުރުމަށް އިލްތިމާސްކުރެއްވިއެވެ. މިގޮތުން، ޚަބަރެއް އާންމު ކުރުމުގެ ކުރިން އެކަމެއްގެ ހަޤީޤަތް ފުރިހަމައަށް އޮޅުންފިލުވުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ. އަދި، އެހެން ނޫންނަމަ އެ ޚަބަރު ފަތުރާ ވަޞީލަތަކާ މެދު ރައްޔިތުންގެ އިތުބާރު ގެއްލޭނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ހަނދާންކޮށްދެއްވިއެވެ.