ޚަލީފާ ބިން ޒައިދު އައްނަޙްޔާން ފައުންޑޭޝަނުގެ ޑިރެކްޓަރ ޖެނެރަލް، މުޙަންމަދު ހާޖީ އަލްޚޫރީއާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުއްޤައްޔޫމް ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

‏މިބައްދަލުކުރެއްވުމުގައި، ޚަލީފާ ބިން ޒައިދު އައްނަޙްޔާން ފައުންޑޭޝަނުގެ ފަރާތުން ރާއްޖޭގައި ކުރިއަށްދާ އެކިއެކި މަޝްރޫޢުތަކާއި، ކުރިއަށް ރޭވިފައިހުރި ކަންކަމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި، އެ ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލް މަޝްވަރާ ކުރެއްވިއެވެ. މިގޮތުން ރާއްޖޭގެ މިސްކިތްތައް ތަރައްޤީ ކުރުމަށާއި، ރާއްޖޭގެ ޞިއްޙީ ދާއިރާގެ ތަރައްޤީއަށް ޚަލީފާ ބިން ޒައިދު އައްނަޙްޔާން ފައުންޑޭޝަނުން ދެމުންގެންދާ އެހީތެރިކަން ދެބޭފުޅުންވެސް ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުންވެސް ރާއްޖެއަށް މިވަގުތު އެޖަމްޢިއްޔާގެ އެހީތެރިކަން އެންމެ ބޭނުންތެރި ދާއިރާތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.