ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ވަޒީރުންގެ މަޖިލީހަށް ފަސް މެންބަރުން މިރޭ ޢައްޔަން ކުރައްވައިފިއެވެ. މި ފަސްބޭފުޅުން ވަޒީރުންގެ މަޖިލީހުގެ މެންބަރު ކަމުގެ ހުވާ ކުރައްވައި، އެބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ މަގާމުގެ ފަތްކޮޅު ދެއްވުން އޮތީ މިރޭ 8.30 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ވަޒީރުންގެ މަޖިލީހުގެ މެންބަރުން ހުވާކުރެއްވީ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ފާއިޒު ޙުސައިންގެ ކުރިފުޅުމަތީގައެވެ. ހުވާކުރެއްވުމަށްފަހު، އެބޭފުޅުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވާގެ އިޤްރާރުގައި ސޮއިކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ވަޒީރުންގެ މަޖިލީހަށް ޢައްޔަން ކުރެއްވި ފަސް މެންބަރުންނާއި، އެބޭފުޅުން ޢައްޔަން ކުރެއްވި މަޤާމުތައް މިދަންނަވަނީއެވެ.

1. މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކަމަށް ކާނަލް (ރިޓަޔަރޑް) މުޙަންމަދު ނާޒިމް.

2. މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ކަމަށް އަލްފާޟިލް ޢަބްދުﷲ ޖިހާދު.

3. މިނިސްޓަރ އޮފް ފޮރިން އެފެއާޒް ކަމަށް އަލްފާޟިލާ ދުންޔާ މައުމޫން.

4. މިނިސްޓަރ އޮފް ޓޫރިޒަމް ކަމަށް އަލްފާޟިލް އަޙްމަދު އަދީބް ޢަބްދުލްޣަފޫރު

5. މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން ކަމަށް އަލްފާޟިލް އަމީން އިބްރާހީމް.

މި ފަސްބޭފުޅުންނަށް ފަތްކޮޅު ދެއްވުމަށްފަހު، މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިރޭ މި ޢައްޔަނު ކުރެއްވީ، މިހާރުން މިހާރަށް މަޤާމުތަކަށް ހަމަޖައްސަވަން ބޭނުންފުޅުވާ ބޭފުޅުން ކަމަށް ވިދާޅުވެ، ދައުލަތަށް އިޚްލާޞްތެރިކަމާއި މުރާލިކަމާއެކު ޚިދްމަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި އެބޭފުޅުންގެ ލިޔާޤަތާއި ޤާބިލިއްޔަތު ތަންދިން އެންމެމަތީ ދަރަޖައަކަށް ޚިދްމަތްކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.