ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާނީ، އެމަނިކުފާނަކީ ރައްޔިތުންގެ ރައީސްކަން ހުރިހާ ވަގުތެއްގައިވެސް ހަނދުމަފުޅު ބަހައްޓަވައިގެން ކަމަށް ދިވެހިރާއްޖޭގެ އާ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވާކުރެއްވުމަށްފަހު، މިއަދު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ފުރްޞަތުގައި އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވާނީ، މުޅި ޤައުމަށާއި ދިވެހި ރައްޔިތުންނަށްކަން ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޔަޤީންކޮށް އެރުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނު އެކުލަވައިލައްވާ ސަރުކާރަކީ ޚަރަދުކުޑަ ސަރުކާރަކަށްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރުން ކަންކަން ނިންމެވުމުގައި، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްތަކާމެދު ވިސްނަވައި، އިސްކަން ދެއްވަމުން ގެންދަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. [މި ސަރުކާރަކީ ރައްޔިތުންގެ ހަރުމުދަލަށް އިޙްތިރާމްކުރާނެ ސަރުކާރެއް. މި ސަރުކާރަކީ ރާއްޖޭގެ މުހިންމު ހިސާބުތަކުގައި ހުރި ބިންބިމާއި، ސަރަޙައްދުތަކުގެ ބޭނުން، އެންމެ އެދެވޭގޮތުގައި ހިފައި، އެ ސަރަޙައްދެއްގެ ރައްޔިތުންނަށް އެކަމުގެ ފައިދާ ހޯދައިދިނުމަށް މަސައްކަތް ކުރާނެ ސަރުކާރެއް ކަމަށް ދަންނަވަން. ހަމައެހެންމެ، ދިވެހިންގެ ފަޚްރުވެރި ބިނާތައް އަޅުގަނޑުމެން ޙިމާޔަތް ކުރާނަން. ރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާދުގެ މައި ދޮރާށި ރައްކާތެރިކޮށްދޭނަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ވެރިކަމަކީ، ނަތީޖާ ޙާޞިލުކުރާ، މާޔޫސްކަމާއި ނުތަނަވަސްކަމުގައި ތިއްބެވި ރައްޔިތުންނަށް، އުފާފާގަތި ދުވަސްތަކެއް ފެނިގެންދާނެ ވެރިކަމަކަށްވާނެ.] ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ މިއަދު ޙަވާލުވެވަޑައިގަންނަވާއިރު، ޤައުމު މިއަދު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ޤައުމު މިވަނީ ސިޔާސީ ހަލަބޮލިކަމެއްގެ ތެރޭގައި ވަރަށް ބޮޑަށް ފިތިފައެވެ. ރައްޔިތުން ތިބީ ވަރަށްބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައެވެ. އެހެންކަމުން، ސިޔާސީ ހަލަބޮލިކަމުން އަރައިގަނެ، ރާއްޖޭގެ ރައްޔިތުންނަށް އަމާން ވެށްޓެއް ޤާއިމްކޮށްދިނުމަކީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ޙައިޘިއްޔަތުން އަދި ދައުލަތުގެ އެންމެމަތީ ވެރިޔާގެ ޙައިޘިއްޔަތުން އެމަނިކުފާނުގެ މައްޗަށް އޮތް ވަރަށް މުހިންމު ޤައުމީ ވާޖިބެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި މުހިންމު މައްސަލަ ޙައްލުކުރެވޭނީ، އަޅުގަނޑުމެންގެ މެދުގައި ގެއްލިފައިވާ އިޖްތިމާޢީ ފޭރާން ވަރުގަދަކޮށް، ރައްޔިތުން އެކަތިގަނޑަކަށްވެ، އެއްބައިވެގެން ކަމަށާއި، ކޮންމެ ރައްޔިތަކުވެސް އަމިއްލަ މަޞްލަޙަތަށްވުރެ ޤައުމީ މަޞްލަޙަތު އިސްކޮށްގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ވަކި ކުލައަކަށް ނުބަލައި، އެންމެންނަކީވެސް ހަމަހަމަ ބައެއް ކަމަށް ދެކިގެން، ދައުލަތުން ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދްމަތްތައްދީ، ރައްޔިތުންގެ ކަންކަން ފުރިހަމަކޮށްދީގެން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދު ރާއްޖެ މިވަނީ އިޤްތިޞާދީ ވަރަށް ފުން ވަޅުގަނޑެއްގައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، އިޤްތޞާދީ ގޮތުން ރާއްޖެ މިއަދު މިއޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށް ވިދާޅުވިއެވެ. އަދި ދައުލަތުގެ ދަރަނި އަތްނުފޯރާ ހިސާބަށް މައްޗަށް ގޮސް، ދައުލަތުގެ ބަޖެޓްގެ ޚަރަދުތައް އިންތިހާއަށް މައްޗަށް ގޮސްފައިވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ދައުލަތުގެ ޚަރަދުތައް ކުޑަކުރެއްވުމަށް މިއަދު މިވަނީ ވަރަށްބޮޑު އިސްކަމެއްދޭން ޖެހިފައި ކަމަށް ވިދާޅުވެ، ދައުލަތުގެ ބަޖެޓްގެ ޚަރަދުތައް ކުޑަކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ވަރަށް އަވަހަށް ފަށްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާ މިއަދު އިޢުލާނު ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މާތްﷲގެ ވާގިފުޅާއެކު މިއަދު އަޅުގަނޑުމެން މިފަށާ ދަތުރަކީ، ތަރައްޤީގެ އިތުރު ކުރިބޯށިތަކަކަށް ވާސިލުވެވޭނެ ދަތުރަކަށް ހެދުމުގައި އަދި ރާއްޖެއަކީ މި ސަރަޙައްދުގައިވާ އެންމެ އަމާން، އެންމެ ތަރައްޤީވެފައިވާ ޤައުމު ކަމަށް ހެދުމަށް މަސައްކަތް ކޮށްދެއްވުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އިލްތިމާސް ކުރެއްވިއެވެ. މިރޮނގުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ދުޅަހެޔޮކަމާއެކު ރައްޔިތުންނަށް ދިރިއުޅެވޭނެ އަމާން މާޙައުލެއް ސަރުކާރުން އިރާދަކުރެއްވިއްޔާ ޤާއިމްކޮށްދެއްވާނެ ކަމުގެ ޔަޤީންކަން، ދިވެހި ރައްޔިތުންނަށް އެރުވިއެވެ. ފުދުންތެރި މަސައްކަތްތަކަށް އަހުލުވެރި، ޒިންމާދާރު ޒުވާނުންތަކެއް ބިނާކޮށްދޭނެ ކަމަށް ވިދާޅުވިއެވެ. އެންމެންނަށް ބައިވެރިވެވޭ، ފުދުންތެރި އިޤްތިޞާދަކަށް ބޭނުންވާ ފުރްޞަތުތައް ފަހިކޮށްދީ، ހަމަހަމަކަމާއެކު ވަޒީފާގެ ފުރްޞަތުތައް އިތުރަށް ތަނަވަސްކޮށްދޭނެ ކަމަށްވެސް ވިދާޅުވިއެވެ.