ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި މިހޭދަކުރެއްވި 21 މަސް ދުވަހަކީ، ޙަޔާތުގައި ލިބިވަޑައިގެންނެވި އެންމެ އަގުހުރި ތަޖްރިބާ ކަމަށް ވިދާޅުވެ، އެ ފުރްޞަތު ދެއްވި ކަމަށްޓަކައި ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ޝުކުރު އަދާކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރެއްވީ، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކުރައްވައި، މިއަދު ހެނދުނު 10 ޖެހިއިރު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ދެއްވި އެމަނިކުފާނުގެ ވަދާޢީ ތަޤުރީރުގައެވެ.

"މިޤައުމަށް ޚިދުމަތް ކުރުމަށް ފުރުޞަތު ލިބުމަކީ، އަޅުގަނޑަށް ލިބުނު ވަރަށް ޚާއްޞަ އުފަލެއް. މިވޭތުވެދިޔަ 21 މަސް ދުވަހަކީ އަޅުގަނޑުގެ ޙަޔާތުގައި ލިބުނު އެންމެ އަގުހުރި ތަޖުރިބާ. ހާސްކަމާއި ބުރަކަމުގެ ދުވަސްތަކެއް ކަމުގައިވީނަމަވެސް، އުފަލުން ޚިދުމަތްކުރި ދުވަސްތަކެއް. އެ ފުރުޞަތު އަޅުގަނޑަށް ދެއްވީތީ، ތިޔަ ލޮބުވެތި ރައްޔިތުންނަށް ޝުކުރު ދަންނަވަން. މިއަދު ޤައުމުގެ އެންމެ އިސްވެރިޔާގެ މަޤާމުން އަޅުގަނޑު ވަކިވާއިރު، އަޅުގަނޑާއެކު މި ދުވަސްތަކުގައި ޚިދުމަތް ކުރެއްވި ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ވޭތުވެދިޔަ 21 މަސް ދުވަހުގެ ތެރޭގައި ހޯއްދެވުނު މުހިންމު ކާމިޔާބީތަކަށް ރައީސުލްޖުމްހޫރިއްޔާގެ ތަޤުރީރުގައި ވަރަށް ތަފުޞީލުކޮށް ބައްލަވާލެއްވިއެވެ. އަދި މި 21 މަސްދުވަހަކީ އެއްވެސް ގޮތަކުން ފަސޭހަ ދުވަސްތަކެއް ނޫންކަން ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، 30 އަހަރުގެ ދިގު ވެރިކަމެއް ނިމުމަކަށް ގެނައުމުގެ ރޫޙުގައި، ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ކުޑަކުރެވިފައިވާ ޤާނޫނީ އޮނގަނޑެއްގެ ތެރޭގައި މަސައްކަތްކޮށް، ސަރުކާރުގެ ތެރެއިން 3 ކެންޑިޑޭޓުން ވާދަކުރާ ރިޔާސީ އިންތިޚާބަކަށް މަގުފަހިކުރެވުނީ ކެތްތެރިކަން އިސްކުރައްވައި، ވަރަށް ގިނަކަންކަމަށް ދޫދެއްވައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ސަރުކާރު ބަލިކަށިކަމަށް ރައްޔިތުންނަށް އިޙްސާސް ކުރެއްވުނު ކަމުގައިވީނަމަވެސް، ކެތްތެރިކަމާއެކު ދޫ ދެއްވައިގެން މަސައްކަތް ނުކުރެއްވިނަމަ، އަޅުގަނޑުމެންނަށް، މިއަދާ ހަމަޔަށް ކަންކަން ނުގެނެވުނީސްކަން އެއީ، ޙަޤީޤަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިވޭތުވެދިޔަ ދުވަސްތަކުގައި އެންމެ ބޮޑު އެއް މަސައްކަތެއް ކުރައްވަން ޖެހިވަޑައިގަތީ، ޤައުމުގެ ޚާރިޖީ ގުޅުންތަކުގެ ދާއިރާ ހަރުދަނާ ކުރެއްވުމަށް ކަމަށާއި، ޒަމާނުއްސުރެ، ދިވެހިރާއްޖެއިން ގެންގުޅެފައިވާ ވަކިފަރާތަކަށް ނުޖެހޭ، މިނިވަން އަދި އިސްލާމީ ޝަޚްޞިއްޔަތުގެ ޚާރިޖީ ސިޔާސަތުވަނީ ސަރުކާރުން އޭރު ބަދަލުކުރައްވާފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. "މިކަމުގެ ސަބަބުން، ދުނިޔޭގެ އޮއިވަރުގައި، ޤައުމުގެ އަމިއްލަ ބަސް ބުނުމުގެ ބާރުތައްވަނީ ވަރަށްބޮޑުތަން ކުޑަކުރެވިފައި. ރާއްޖޭގެ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ނުކުރެވޭނޭ ކަންކަން، ޤާނޫނުއަސާސީ ބަދަލުކޮށްގެން ކުރުމަށް މަޖުބޫރު ކުރުވާފަދަ ޙާލަތެއްގައި. މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި ސަރުކާރު އިސްތިޢުފާ ދިނުމަށާއި، ކޯޓުތަކުގެ އަމުރުތައް ބޮލާލައި ޖެހުމަށްފަހު، އެ އަމުރުތަކާ ދެކޮޅަށް ތެދުވުމަށް، ވަޒީރުންނަށާއި ސަރުކާރުގެ އިސްވެރިންނަށް އަންގަމުންދިޔަ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެން ނަމަވެސް، ބޭރުގެ ނުފޫޒުތަކުގެ ފިއްތުންތަކަށް ނުބަލައި، ރާއްޖޭގެ ޤާނޫނީ އޮނިގަނޑުތަކާއި، ދުސްތޫރީ މުއައްސަސާތަކުގެ އަމުރުވެރިކަން މިއަދު ހިފެހެއްޓިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މިއަދު ޤައުމުގެ ޙާލަތު އޮތްގޮތުން، ދައުލަތުގެ މުއައްސަސާތަކަކީ އަޅުގަނޑުމެން އެންމެ އެދޭގޮތަށް ހިނގާ މުއައްސަސާތައް ކަމުގައި ނުވެ ހިނގައިދާނެ ކަމަށާއި، އެ މުއައްސަސާތަކަކީ ދުނިޔޭގެ ކުރިއަރާފައިވާ ޑިމޮކްރަސީތަކާ އަޅާބަލާއިރު، އެންމެ އެކަށޭނަ ގޮތަކަށް ހުރި މުއައްސަސާތަކެއް ކަމުގައިވެސް ނުވެ ހިނގައިދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންނަމަވެސް، މި މުއައްސަސާތަކުގެ އަގު އިތުރަށް ވައްޓާލައި، އެ މުއައްސަސާތަކަށް ޙަމަލާ ދިނުމަކީ، އެ މުއައްސަސާތައް ހަރުދަނާ ކުރެވުމަށްވުރެ، ހަލާކުވެގެން ދިޔުން ކައިރިގޮތް ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. "އެ މުއައްސަސާތަކުގެ އަމުރުތައް މި ޤައުމުގައި ތަންފީޛުނުވެދިޔުމަކީ، އަނެއްކާވެސް މުޅި ޤައުމު ހަމަނުޖެހެމުގެ އަނދަވަޅަކަށް ވެއްޓޭނޭފަދަ ކަމަކަށް ވެދާނެ ކަމުގައި އަޅުގަނޑު ޤަބޫލުކުރަން. އަދި އެއީ ދައުލަތަށް ކުރެވޭނޭ ކަމެއް ނޫން. ވުމާއެކު، ސަރުކާރުގެ އެންމެ އިސް އަދި އެންމެ މަތިވެރި ވާޖިބަކަށްވާނީ، ދައުލަތް ނަގައި ކޮޅަށްޖެހުން. ޤައުމުގެ ހުރި ފެންވަރަކާއި ފަންވަރެއް ނަގަހައްޓައިގެން ކަންކަން ހަރުދަނާ ކުރުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވަދާޢީ ތަޤުރީރުގައި، މިއަދު ޤައުމު މިއޮތީ ރިޔާސީ އިންތިޚާބެއްގެ ހަމަނުޖެހުމުގެ ތެރޭގައި ކަމަށްވިޔަސް، މިއަދުގެ މަންޒަރުތަކުގައިވެސް އުންމީދުތަކެއް އެކުލެވެންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގެ ނަތީޖާއަކީ، ހަމަޖެހުމުގެ 5 އަހަރަށް ޖާގަދިނުން ކަމުގައި ވާނޭ ކަމުގެ އުންމީދު ރައްޔިތުންނަށް ލިބެންޖެހޭ ކަމަށާއި، ކޮންމެ ބަޔަކު ވެރިކަމަށް އަޔަސް، ރައްޔިތުން ގޮވައިގެން ކުރިޔަށް ދެވޭނޭ ސަރުކާރެއް، ރާއްޖޭގައި ޤާއިމުކުރެވޭނޭ ކަމުގެ އުންމީދު ރައްޔިތުންނަށް އެބަ ލިބެންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިހާރުގެ ހިސާބުތަކުން އަންދާޒާއެއް ކުރެވޭނަމަ، ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ވަރަށް އެއްވަރުވާނޭކަން އެއީ، ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެން ނަމަވެސް މިއީ، އެއްވެސް ޙާލެއްގައި ޤައުމު ހަމަޔަށް ދެފަޅިކޮށްލުމަށް ލިބޭ ފުރުޞަތަކަށްވެގެން ނުވާނެ ކަމަށާއި، ހަމައެއާއެކު، ދައުލަތުގެ ހިޔާވަހިކަމުގެ ދަށުން ދެބައިކުޅައެއްބައި ރައްޔިތުން ބާކީކުރެވޭނޭ ޙާލަތަކަށްވެސް ވެގެންނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. "މިއާ ޚިލާފަށް ކުރިޔަށް އޮތް ރިޔާސީ ދައުރަކީ، ދުސްތޫރީ އޮނިގަނޑު އިޞްލާޙުކޮށް، މުސްތަޤްބަލަށްޓަކައި ހަލުވި ފިޔަވަޅުތަކެއް އަޅާ ދުވަސްތަކަކަށްވާންޖެހޭ. ރާއްޖޭގެ ހުރިހާ ރައްޔިތުންނަކީ އަބަދު އިންތިޚާބެއްގެ ނުވަތަ ސިޔާސީ ގަދަ އޮއިވަރެއްގެ ތެރޭގައި ދިރިއުޅޭ ބަޔަކަށްވުމަށްވުރެ، ޤައުމީ ތަރައްޤީއާއި، ޢާއިލީ ދިރިއުޅުމާއި އިޖުތިމާޢީ އޮނިގަނޑުތަކުގެ ތެރޭގައި އުޅޭ ބަޔަކަށްވުމަށް ފުރުޞަތު އެބަ ދެވެންޖެހޭ. މާޒީގެ ދެކޮޅުވެރިކަމާއި، ޙަސަދަ ދޫކޮށްލައި، ޤައުމަށްޓަކައި އެކުގައި މަސައްކަތްކޮށް، ދަރިންނަށް ފަހި މުސްތަޤްބަލެއް ފޯރުވައިދޭން އެބަޖެހޭ. ޤައުމުގެ އެއްބައިމީހުން މަގުމަތިކޮށްގެން، ކުރިޔަށްދެވޭ ވަރަށްވުރެ، މި ޤައުމު މާކުޑަ. މީސްކޮޅު މާމަދު. އަދި ގުޅުންތައް މާގިނަ." ރައީސުލްޖުމްހޫރިއްޔާ އަދިވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވަދާޢީ ތަޤުރީރު ނިންމަވާލެއްވީ، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަކީ އެމަނިކުފާނުގެ ހިތާ އެންމެ ގާތް އެންމެ ލޯބިވާ ބޭފުޅުން ކަމަށް ވިދާޅުވަމުންނެވެ. އަދި ޤައުމަށް އެންމެ މުހިންމު ވަގުތުގައި ޚިދުމަތް ކުރުމުގެ ފުރުޞަތު ލިބުނުކަމަށްޓަކައި މާތްﷲ އަށް ޝުކުރު ދަންނަވަމުންނެވެ. އަދި މި ފަސްގަނޑުގެ މިނިވަންކަމަށް ރައްކާތެރިވެވަޑައިގަތުމަށާއި، އެ މިނިވަންކަމަށް ބުރޫއަރާނޭފަދަ ކަމަކަށް ފުރުޞަތު ނުދެއްވުމަށް ރާއްޖޭގެ ރައްޔިތުންނަށް އިލްތިމާސް ކުރައްވަމުންނެވެ.