އދ.ގެ އިންސާނީ ޙައްޤުތަކާ މަޖިލީހުގެ ގޮނޑިއެއް، ވިދިވިދިގެން ދެވަނަފަހަރަށް ރާއްޖެއިން ކާމިޔާބު ކުރުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މަރުޙަބާ ވިދާޅުވެއްޖެއެވެ.

މި ގޮނޑި ރާއްޖެއަށް ކާމިޔާބުކޮށްދެއްވުމުގައި، އ.ދ.ގައި ހުންނަ ދިވެހިރާއްޖޭގެ ޕަރމަނަންޓް މިޝަނާއި، ޖެނީވާގައި ހުންނަ ޕަރމަނަންޓް މިޝަނާއި، ރާއްޖެއިން ބޭރުގައި ހުރި ރާއްޖޭގެ ހައިކޮމިޝަންތަކުންނާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ކޮށްދެއްވާފައިވާ މަސައްކަތްތައް ފާހަގަކުރައްވައި، އެފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ މަރްޙަބާ ވިދާޅުވެ، ޝުކުރު އަދާކުރައްވައެވެ.

2014 ވަނަ އަހަރުން ފެށިގެން ކުރިއަށް އޮތް ތިން އަހަރަށް ރާއްޖެއިން މި ގޮނޑި ކާމިޔާބުކޮށްފައިވަނީ، ނިއުޔޯކުގައި ހުންނަ އދ.ގެ މައި މަރުކަޒުގައި 12 ނޮވެމްބަރު 2013ވީ އަންގާރަ ދުވަހު ބޭއްވުނު އދ.ގެ އާންމު މަޖިލީހުގެ ޖަލްސާގައި ބޭއްވި އިލެކްޝަންގައި 164 ޤައުމުގެ ތާއީދާ އެކުގައެވެ.

އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ ގޮނޑި، ރާއްޖެއިން ފުރަތަމަފަހަރަށް ކާމިޔާބުކުރީ 2010 ވަނަ އަހަރުއެވެ. އެ މަޖިލީހުގެ މެންބަރު ކަމުގެ ގޮނޑި 2011 ވަނަ އަހަރު ރާއްޖެއިން ފުރަން ފެށީއްސުރެ މިއަދާ ހަމައަށް، ބައިނަލްއަޤްވާމީ މުޖްތަމަޢުގައި ދިމާވާ ބޮޑެތި މައްސަލަތަކުގައި، ވަކިން ޚާއްޞަކޮށް، އިސްލާމީ ޤައުމުތަކަށާއި ކުދި ޤައުމުތަކަށް ދިމާވާ މައްސަލަތަކުގައި، ރާއްޖެއިން ވަނީ އަޑު އުފުލައި، ވަކާލާތު ކޮށްފައެވެ. އަދި 2012 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް ބަދަލެއް އައިނަމަވެސް، އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގައި ރާއްޖެއިން ގެންގުޅެމުންދާ ސިޔާސަތުތަކަށް ބަދަލެއްނުގެނެސް، މިހާރުވެސް ގެންދަނީ އެ ސިޔާސަތުތައް ކުރިއަރުވަމުންނެވެ. އެ މަޖިލީހުގެ ގޮނޑި ދެވަނަ ދައުރަކަށް ރާއްޖެއިން ފުރަން ފަށާނީ 2014 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ.