"ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް" ހޮންގކޮންގގައި ހުންނަވާ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސުލް ޖެނެރަލް، މިސްޓަރ ބޮބް އެން. ހަރިލެލާއަށް އެރުވުމަށް ހަމަޖައްސަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ދިވެހި ދައުލަތުގެ ޢިއްޒަތް، މިސްޓަރ ބޮބް އެން. ހަރިލެލާއަށް މި އަރުވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޑ) އިން އެކިފަރާތްތަކަށް، ޤާނޫނުގައިވާ ގޮތުގެ މަތިން އިނާމާއި، ލަޤަބާއި، ޝަރަފާއި، މެޑެލް ދިނުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވީހިނދު، ދިވެހި ރައްޔިތުންގެ އާންމު ޙާލަތު ރަނގަޅުކުރެއްވުމަށް، ވަކިން ޚާއްޞަކޮށް ރާއްޖެއަށް ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުކޮށްދެއްވުމަށް ކުރެއްވި ގިނަގުނަ މަސައްކަތްޕުޅުތަކުގެ އަގުވަޒަންކުރެއްވުމުގެ ގޮތުންނެވެ.

ހޮންގކޮންގގައި ހުންނަވާ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސުލްގެ މަޤާމަށް މިސްޓަރ ބޮބް ހަރިލެލާ 1993ވަނަ އަހަރު ހަމަޖެއްސެވީއްސުރެ، އޭނާ ގެންދަވަނީ ރާއްޖެއަށް، ވަކިން ޚާއްޞަކޮށް ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާއިން، ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުކުރެއްވުމަށްޓަކައި ޢަމަލީގޮތުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މިސްޓަރ ބޮބް ހަރިލެލާ މިވަގުތު ހުންނެވީ ހޮންގކޮންގގައި ކަމަށްވުމާއެކު، މި ޢިއްޒަތް އޭނާއަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަވާލު ކުރައްވާނެއެވެ.