މަރްޙޫމް ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲގެ ހަނދާނަށް "ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ)" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އަރުވައިފިއެވެ. މި ޢިއްޒަތް، މަރްޙޫމް ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲގެ ހުވަފަތް އަނބިކަނބަލުން އަލްފާޟިލާ އަމީނާ ޢަލީއަށް އެރުވީ، ރައީސުލްޖުމްހޫރިއްޔާ މިއަދު ހެނދުނު ހެންވޭރު ހުވަދުއަށް ވަޑައިގެން، އަމީނާ ޢަލީއާއި ޢާއިލާގެ ބޭފުޅުންނާ ބައްދަލުކުރައްވައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މަރްޙޫމް ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲގެ ހަނދާނަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، މި އެރުވީ، އެމަނިކުފާނު ދިވެހި ޤައުމަށާއި، ދިވެހި ރައްޔިތުންނަށް، ޚާއްޞަކޮށް، ރާއްޖޭގެ ޞިއްޙީ ދާއިރާގެ ތަރައްޤީއަށާއި ކުރިއެރުމަށް ކޮށްދެއްވާފައިވާ އިޚްލާޞްތެރި މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ކަމަށް ވިދާޅުވިއެވެ. އަދި ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ ރާއްޖޭގެ ޚާރިޖީ ވަޒީރުކަމާ ޙަވާލުވެވަޑައިގަތީ، ރާއްޖެއަށް ވަރަށް އުނދަގޫ ދުވަސްވަރެއްގައި ކަމާއި، ރާއްޖޭގެ ދާޚިލީ ޙާލަތު ވަރަށްބޮޑު ހަލަބޮލިކަމެއްގެ ތެރޭގައި ވަނިކޮށްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އެމަނިކުފާނަކީ، ރާއްޖެއަށް ބޭރުގެ ފަރާތްތަކުން އެކިއެކި ގޮންޖެހުންތައް ކުރިމަތިވެފައިވީ ވަގުތެއްގައި، ވަރަށް އިޚްލާޞްތެރިކަމާއެކީގައި ޤައުމަށްޓަކައި ވަރަށްބުރަ މަސައްކަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ، އެންމެ ދިގު މުއްދަތެއްގައި ޚިދްމަތް ކުރައްވާފައިވަނީ، ރާއްޖޭގެ ޞިއްޙީ ދާއިރާގައެވެ. ސަރުކާރުގެ ޚިދްމަތް އެމަނިކުފާނު ފެށްޓެވީ، 16 އޯގަސްޓް 1970 ގައި ގަވަރންމަންޓް ހޮސްޕިޓަލްގެ ޑޮކްޓަރެއްގެ ވަޒީފާއިންނެވެ. އޭގެފަހުން މިނިސްޓްރީ އޮފް ހެލްތްގެ ޑިރެކްޓަރ އޮފް ނޭޝަނަލް ހެލްތް ސަރވިސަސް ކަމުގެ މަޤާމާއި، ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސަސް ކަމުގެ މަޤާމު ފުރުއްވާފައިވެއެވެ. 20 އޯގަސްޓް 1989 ގައި އެވަޒީފާއިން ވަކިވެވަޑައިގަތުމަށްފަހު، އެމަނިކުފާނު ޚިދްމަތް ކުރައްވަމުން ގެންދެވީ، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔޫ.އެޗް.އޯ.ގައެވެ. ޑަބްލިޔޫ.އެޗް.އޯ.ގެ ވަރަށް މުހިންމު މަޤާމުތަކެއް އެމަނިކުފާނު ފުރުއްވާފައިވެއެވެ. އެންމެފަހުން އެމަނިކުފާނު ހުންނެވީ، ޑަބްލިޔޫ.އެޗް.އޯ.ގެ ނިއުދިއްލީގައި ހުންނަ ސަރަޙައްދީ އޮފީހުގެ ކޯޑިނޭޓަރ އޮފް ކޮމިއުނިކެބްލް ޑިޒީޒަސްގެ މަޤާމުގައެވެ.

މަރްޙޫމް ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ، ޑަބްލިޔޫ.އެޗް.އޯ.ގައި ޚިދްމަތް ކުރެއްވުމަށްފަހު، އަލުން ސަރުކާރުގެ ޚިދްމަތާ ގުޅިވަޑައިގަތީ، 3 ޖޫން 2008 ގައެވެ. ބަންގްލަދޭޝަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމަށް އެމަނިކުފާނު ޢައްޔަން ކުރެއްވީ މި ތާރީޚުގައެވެ. 23 ނޮވެމްބަރ 2009 ގައި ވަޒީފާއިން ވަކިވެވަޑައިގަތުމަށްފަހު، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ކަމުގެ މަޤާމަށް އެމަނިކުފާނު ޢައްޔަން ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު، 5 މާޗް 2012 ގައެވެ.