މަޢާފުދިނުމާއި އަދަބުލުއިކޮށްދިނުމުގެ ޤާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، އެކިއެކި ކުށްކުށުގެ އަދަބުގައި ޙުކުމް ތަންފީޛު ކުރަމުންދިޔަ 35 މީހެއްގެ އަދަބު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ލުއިކޮށްދެއްވައިފިއެވެ.

މިގޮތުން، އެކިއެކި ކުށްކުށުގައި ޙުކުމް ތަންފީޒު ކުރަން ޖަލުގައި ބަންދު ކޮށްފައި ތިބި މީހުންނާއި، އަރުވާލާފައިވާ މީހުންނާއި އަދި ގޭގައި ބަންދު ކޮށްފައި ތިބި މީހުންގެ ތެރެއިން މީހާގެ ޢުމުރަށް ބަލައި، ނުވަތަ ބައްޔަކަށް ބަލައި، ނުވަތަ އެމީހަކު ހޯދަމުންދާ ޞިއްޙީ ފަރުވާއަކަށް ބަލައި، ނުވަތަ އެމީހަކު ހުރި ވަގުތާއި ޙާލަތަށް ބަލައި، ނުވަތަ އިންސާނިއްޔަތުކަމުގެ ނަޒަރަށް ބަލައި، އަދި އެމީހެއްގެ އުޅުމާއި އަޚްލާގަށް ބަލައި، މީހުންގެ ކުށުގެ އަދަބު ލުއިކޮށްދެއްވާފައި ވަނީ ޝަރުޠުތަކަކާއެކުއެވެ.

އަދަބު ލުއިކޮށް ދެއްވުމުގައި މިދަންނަވާ ކުށްކުށުގައި ޙުކުމް ތަންފީޛު ކުރަމުންދާ ފަރާތްތައް ހިމަނުއްވާފައެއް ނުވެއެވެ.

• މީހަކު މެރުމުގެ ކުށެއް ކޮށްފައިވާ މީހުން
• އިސްލާމީ ޝަރީޢަތުގައި ޙައްދު ކަނޑައެޅިފައިވާ ކުށެއް ކޮށްފައިވާ މީހުންނާއި، ޓެރަރިޒަމްގެ ކުށެއް ކޮށްފައިވާ މީހުން
• ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށެއް ކޮށްފައިވާ މީހުން
• ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ ކުށެއް ކޮށްފައިވާ މީހުން
• އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށެއް ކޮށްފައިވާ މީހުން