މިހާރު ރާއްޖެއަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ ބޭރު ޤައުމުތަކުގެ ސަފީރުންނާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ބައްދަލުކުރައްވައިފިއެވެ. މިއަދު މެންދުރު މުލީއާގޭގައި އޮތް މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި އެޤައުމުތަކާ ދެމެދު އޮންނަ ގުޅުން ބަދަހިކުރެއްވުމަށް، އެބޭފުޅުން ކޮށްދެއްވާ މަސައްކަތްޕުޅުތައް ފާހަގަކުރެއްވިއެވެ. އަދި އަންނަ ހޮނިހިރު ދުވަހު ރާއްޖޭގައި މި ބާއްވާ ރިޔާސީ އިންތިޚާބުގެ ކަންތައްތައް، ވީހާވެސް އަމާންކަމާއި އޮމާންކަމާއެކު ގެންދެވުމަށްޓަކައި ކޮށްދެއްވެންހުރި މަސައްކަތްތައް، ސަރުކާރުން ކޮށްދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން، ސަފީރުންނަށް އެރުވިއެވެ. އަދި މިދަނޑިވަޅުގައި އެބޭފުޅުން ރާއްޖެއަށް ޒިޔާރަތް ކުރައްވައި، ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ހިނގަމުންދާ ކަންތައްތައް ބައްލަވާލައްވައި، ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށްޓަކައި، އެބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

މިބައްދަލުކުރެއްވުން އޮތީ، އެބޭފުޅުންގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި މެންދުރުގެ ފަރިއްކޮޅަކާ އެކުގައެވެ.