ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔޫ ހޮންގްޔާއޮ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް މިއަދު ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހަވީރު އޮތް މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދުގައިވާ ގާތް ގުޅުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. ވަކިން ޚާއްޞަކޮށް، ޗައިނާއާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައި ޕްރައިވެޓް ސެކްޓަރ އިންވެސްޓްމަންޓްސް އިތުރުކުރުމަށް ހުރި ފުރުޞަތުތައް ދެބޭފުޅުން ފާހަގަކުރެއްވިއެވެ.

މިސްޓަރ ހޮންގްޔާއޮގެ ވާހަކަފުޅުގައި، ރާއްޖޭގައި ހުންނެވި ޗައިނާގެ ފުރަތަމަ ސަފީރުގެ ހައިސިއްޔަތުން ރާއްޖޭގައި ހޭދަކުރެއްވި ދުވަސްތަކަކީ، ވަރަށް އުފާވެރި އަދި ވަރަށް ތަފާތު ތަޖުރިބާތަކެއް ކުރެއްވުނު ދުވަސްތަކެއް ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެއަށް ޚިދްމަތް ކުރެއްވުމަކީ، ވަރަށްބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއް ކަމުގައިވެސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުކަމުގެ މަގާމުގައި ހުންނަވައިގެން، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށާއި، ރާއްޖޭގެ ޘަޤާފީ، އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށާއި ކުރިއެރުއްވުމަށް ކޮށްދެއްވާފައިވާ މަސައްކަތްޕުޅުތަކުގެ އަގުވަޒަންކުރައްވައި ދިވެހި ސަރުކާރުގެ ފަރާތުން މިސްޓަރ ހޮންގްޔާއޮ ހަނދާނީ ފިލައެއް ރައީސުލްޖުމްހޫރިއްޔާ އެރުވިއެވެ.