އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީ، މިސްޓަރ ހަރްޝް ވަރްދަން ޝްރިންގްލާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ޖޮއިންޓް ސެކްރެޓަރީ، މިސްޓަރ ހަރްޝް ވަރްދަން ޝްރިންގްލާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ކުރިމަތިވެފައިވާ ސިޔާސީ މައްސަލަ ޙައްލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނަންގަވާފައިވާ އިސްނެންގެވުމާއި މި ގޮތުން ކުރެއްވި މަސައްކަތްޕުޅުތަކަކީ، ތަޢުރީފް ޙައްޤު މަސައްކަތްޕުޅުތަކެއް ކަމުގައި ވިދާޅުވިއެވެ. އަދި، އިންޑިއާއިން އަބަދުވެސް އެންމެ އިސްކަމެއްދެނީ، ދިވެހި ރައްޔިތުންގެ މަޞްލަޙަތަށް ކަމަށް ވިދާޅުވެ، މިކަމުގައި ވެދެވެން އޮތް ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއް އިންޑިއާއިން ދިވެހިރާއްޖެއަށް ވެދޭނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިއީ ރާއްޖެއަށް ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާ ދަނޑިވަޅެއް ކަމަށާއި، އެހެންނަމަވެސް ހުރިހާ ސިޔާސީ ފަރާތްތަކުން ޤައުމީ މަޞްލަޙަތު އިސްކުރައްވައިގެން މަސައްކަތްކުރައްވައިފިނަމަ މިކަންކަމުން ވަރަށް ފަސޭހަކަމާއެކު އަރައިގަނެވޭނެ ކަމުގައި ވިދާޅުވިއެވެ. އަދި، ދެން އިންތިޚާބުވާ ސަރުކާރަކާ ވެރިކަން ވީހާވެސް އޮމާންކަމާއި އަމާންކަމާއެކު ހަވާލުކުރެއްވުމަށް ކުރެއްވެން އޮތް ހުރިހާ މަސައްކަތެއް އެމަނިކުފާނު ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ ރަޖީވް ސަހާރޭވެސް ބައިވެރިވެވަޑައިގެންނެވިއެވެ.