އ.ދ.ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް އޮސްކާ ފެނާންޑެޒް ޓްރެންކޯ އާއި، ކޮމަންވެލްތް ސެކްރެޓަރީ ޖެނެރަލްގެ ޚާއްޞަ މަންދޫބު ޑޮނަލްޑް މެކިނަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ސިޔާސީ މަސްރަޙު މިހާރު އޮތް ގޮތާ ބެހޭގޮތުންނާއި، މި ނޮވެންބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާ ގުޅޭ އެކިއެކި ކަންތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގައި ރިޔާސީ އިންތިޚާބު ބޭއްވުމަށްޓަކައި ކޮމަންވެލްތާއި، އ.ދ. އިން ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވައި، އެކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި މި އިންތިޚާބަކީ އޮމާންކަމާއެކު ކުރިއަށްދާނެ އިންތިޚާބަކަށް ހެއްދެވުމަށްޓަކައި، ސަރުކާރުން ކުރެއްވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.