ދިގު މުއްދަތަށް ދަނޑުވެރިކަމުގެ މަސައްކަތަށް ދޫކުރެވޭ ފަޅުރަށްރަށުގައި، އިކޯ-އެގްރޯޓުއަރިޒަމްގެ ޚިދްމަތަށް ހުއްދަ ދެއްވާގޮތަށް ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުއްވައިފިއެވެ. މި ހުއްދަ ދެއްވުމަށް ލަފާއެރުއްވީ، އިއްޔެ ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައި، މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

ދިގު މުއްދަތަށް ދަނޑުވެރިކަމުގެ މަސައްކަތަށް ދޫކުރެވޭ ފަޅުރަށްރަށުގައި އިކޯ-އެގްރޯޓުއަރިޒަމްގެ ޚިދްމަތް ތަޢާރުފް ކުރެއްވުމުގެ މަޤްޞަދުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ރަށްތަކުގެ ރީތި ދޮންވެލި ގޮނޑުދޮށްތަކާއި، ވަށައިގެންވާ މޫދާއި، ފަރު، ފަޅު އަދި ވިލުތަކަކީ، ރާއްޖޭގެ އެންމެ އަގުހުރި ޤުދްރަތީ ވަސީލަތްތަކަށްވާއިރު، ރާއްޖޭގެ ފަޅުރަށްތަކުން ދައުލަތަށާއި ރައްޔިތުންނަށް ހޯދައިދެވެން އޮތް އެންމެމަތީ މަންފާއެއް ލިބިގަތުމަށް މަގުފަހިކޮށްދެއްވުމާއި، ދަނޑުވެރިކަމާއި މަސްވެރިކަމަށް އިންވެސްޓް ކުރާނެ ފައިސާ ހޯދައި، ދިވެހި އުފެއްދުންތެރިކަން އިތުރުކުރުމަށް މަގުފަހިކޮށްދެއްވުން ހިމެނެއެވެ. އަދި ތިމާވެށްޓާ ރައްޓެހި، ދެމެހެއްޓެނިވި ދަނޑުވެރިކަމާއި މަސްވެރިކަމަށް ހިތްވަރުދީ، އެކަންކަން ކުރިއެރުވުމާއި، އެކަމުގެ ހޭލުންތެރިކަން އިތުރުކުރުމަށް މަގުފަހިކޮށްދެއްވުމާއި، ދިވެހިރާއްޖެއަށް ލިބިފައިވާ ޚާއްޞަ ޤުދްރަތީ ސިފަތަކާއި، ގަސްގަހާގެއްސާއި، ދިރޭ ތަކެއްޗާއި އަދި ރާއްޖޭގެ ނާޒުކު ތިމާވެށްޓާމެދު ހޭލުންތެރިކަން އިތުރުކުރުމަށް މަގުފަހިކޮށްދެއްވުންވެސް، މިކަމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ވަޒީރުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި، ރާއްޖޭގެ މަސްވެރިން ބާނާ މަހާއި، އެ މަސްމަހުން އުފައްދާ ތަކެތި، ރާއްޖެއާއި ރާއްޖެއިން ބޭރުގައި މާކެޓްކޮށް، ޕްރޮމޯޓްކޮށް، ދިވެހި މަސްވެރިންގެ އުފެއްދުންތަކަށް ދުނިޔޭގެ މާކެޓްތަކުން ރަނގަޅު އަގު ހޯދުމަށް މަސައްކަތް ކުރުމަށް [ފިޝަރީޒް ޕްރޮމޯޝަން ބޯޑު]ގެ ނަމުގައި ބޯޑެއް އުފެއްދެވުމަށްވެސް ނިންމެވިއެވެ. މިކަން މިގޮތަށް ނިންމެވީ، މި ބޯޑު އުފެއްދެވުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން ވާހަކަފުޅު ދައްކަވައި، މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

އިއްޔެގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދު ހީނަރުވެ، މަސްވެރިކަމުން ލިބޭ އާމްދަނީ ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައި، ރާއްޖޭގެ އިޤްތިޞާދު ރަނގަޅު ޙާލަތަކަށް ގެންދިޔުމަށާއި، މަސްވެރިކަމުގެ ޖީ.ޑީ.ޕީ ކުރިއެރުވުމަށްޓަކައި މިފަދަ ބޯޑެއް އުފެއްދެވުމަކީ، ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ.