ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާއި، ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މަންދޫބުންނާ މިއަދު ހަވީރު ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ތިން ކެންޑިޑޭޓުންނާ އެމަނިކުފާނު މިއަދު ބައްދަލުކުރެއްވުމުން، އަންނަ ހޮނިހިރު ދުވަހު ރިޔާސީ އިންތިޚާބު ބާއްވަވާ ގޮތަށް ތިން ކެންޑިޑޭޓުން އެއްބަސްވެވަޑައިގެންފައިވާތީ، އެކަމަށްޓަކައި އެބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ނޮވެންބަރު 11 ގައި ރައީސަކު އިންތިޚާބު ނުކުރެވި، ޤައުމު ހުސްކަމެއްގެ ތެރެއަށް ދިޔުމުގެ ބިރު އޮތުމާއެކު، އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ އަދި އިލެކްޝަންސް ކޮމިޝަނުން އެއްބަސްވެވަޑައިގަންނަވާނަމަ، ދެވަނަ ބުރު، ނޮވެންބަރު މަހުގެ 10 ވަނަ ދުވަހު ނުވަތަ 11 ވަނަ ދުވަހު ބޭއްވެވުމަށްވެސް ކެންޑިޑޭޓުން އެއްބަސްވެވަޑައިގެންފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން، މިކަމުގައި އިލެކްޝަންސް ކޮމިޝަނުން ގޮތެއް ނިންމަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. އަދި ރިޔާސީ އިންތިޚާބު ކުރިއަށް ގެންދިޔުމުގައި، ވެދެއްވެން އޮތް ހުރިހާ އެއްބާރުލެއްވުމެއް ސަރުކާރުން ވެދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ވީހާވެސް އޮމާންކަމާއި އަމާންކަމާއެކު އިންތިޚާބުގެ ކަންތައްތައް ކުރިއަށް ގެންދަވަން ބޭނުންފުޅުވާ ކަމަށާއި، ރާއްޖޭގެ ސިޔާސީ މަސްރަޙު ހަމަޖެހުމަކަށް އަންނާނީ، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާ ބޭފުޅަކު، ވެވަޑައިގެންހާ އަވަހަކަށް ވެރިކަމާ ޙަވާލުވެވަޑައިގަތުމުން ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ.