އަމިއްލަ ފަރާތަކުން ރާއްޖެއަށް ހަދިޔާކުރި ތިން ވެހިކަލެއް، ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ހޮސްޕިޓަލަށާއި، ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ޞިއްޙީ މަރްކަޒަށާއި، މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ޞިއްޙީ މަރްކަޒަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ޙަވާލުކުރައްވައިފިއެވެ. ވެހިކަލްތައް ޙަވާލުކުރެއްވި ކަމުގެ ލިޔުން ދެއްވުން އޮތީ، މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ހޮސްޕިޓަލްގެ ފަރާތުން، މި ލިޔުމާ ޙަވާލުވެވަޑައިގަތީ، އެ ހޮސްޕިޓަލް ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވި އަލްފާޟިލާ ފަރުޒާނާ އިދުރީހެވެ. މަކުނުދޫ ޞިއްހީ މަރްކަޒުގެ ފަރާތުން ލިޔުމާ ޙަވާލުވެވަޑައިގަތީ، އެ މަރްކަޒު ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވި އަލްފާޟިލް އިބްރާހީމް ޝަރީފެވެ. ނަރުދޫ ޞިއްޙީ މަރްކަޒުގެ ފަރާތުން ލިޔުމާ ޙަވާލުވެވަޑައިގަތީ، އެ މަރްކަޒު ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވި އަލްފާޟިލް ޢަލީ ޖިނާހެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި، އެ ރަށްރަށުގައި ޞިއްޙީ ޚިދްމަތް ދިނުމުގައި ކުރިމަތިވާ ދަތިތަކުގެ ތެރޭގައި، އެކަށީގެންވާ ފެންވަރުގެ ވެހިކަލްތައް ނެތުން ފާހަގަކުރެއްވިފައިވާ ކަމުގައި ވިދާޅުވިއެވެ. އެހެން ނަމަވެސް، ސަރުކާރުގެ ބަޖެޓްގެ ދަތިކަން ހުރިގޮތުން، ޞިއްޙީ މަރްކަޒުތަކަށް އެކަށީގެންވާ އެހީތެރިކަމެއް ފޯރުކޮށްނުދެވޭ ކަމަށާއި، އަމިއްލަ ފަރާތެއްގެ އެހީގައި މިއަދު މި ޙަވާލުކުރެވުނު ތިން ވެހިކަލްގެ ސަބަބުން އެރަށްރަށުގެ ޞިއްޙީ ޚިދްމަތަށް އެކަށީގެންވާ ކުރިއެރުމެއް އަންނާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ.