އަންނަ ހޮނިހިރު ދުވަހު ރިޔާސީ އިންތިޚާބު ބޭއްވެވުމަށް ހުރިހާ ކެންޑިޑޭޓުން އެއްބަސްވެވަޑައިގެންފި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ތިން ކެންޑިޑޭޓުންނާ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބައްދަލުކުރެއްވުމަށްފަހު، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ވޯޓަރސް ރަޖިސްޓްރީގައި ސޮއިކުރައްވާނެ ކަމުގެ ޔަޤީންކަން، ތިން ކެންޑިޑޭޓުންވެސް ދެއްވާފައިވާ ކަމަށާއި، އެކަމާ ވަރަށްބޮޑަށް ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އަންނަ ހޮނިހިރު ދުވަހު ރިޔާސީ އިންތިޚާބު ބޭއްވެވުމަށް ސަރުކާރުގެ ފަރާތުން ދެއްވަންޖެހޭ ހުރިހާ އެއްބާރުލެއްވުމެއް ދެއްވާނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ފުރަތަމަ ބުރުން ވަކި ކެންޑިޑޭޓަކު ހޮވިވަޑައިނުގެންފިނަމަ، ދެން ކަންތައްތައް ކުރާނެގޮތަކާ ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވި ކަމަށާއި، ހުރިހާ ބޭފުޅުންނަށްވެސް ފެނިވަޑައިގަތީ، ދެވަނަ ބުރު، ނޮވެންބަރު 10 ވަނަ ދުވަހު ނުވަތަ 11 ވަނަ ދުވަހު ބޭއްވެވުމަށް ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއީ ވަރަށް ނާޒުކު ވަގުތެއް ކަމަށާއި، ނޮވެންބަރު 11 އާ ހަމައަށް ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބު ނުކުރެވިއްޖެނަމަ، ނުކުންނާނެ މައްސަލަތައް ހުންނާނެ ކަމަށާއި، އެކަންކަން ޙައްލުކުރަންޖެހޭ ކަމުގައިވެސް ވިދާޅުވިއެވެ.

ރިޔާސީ ކެންޑިޑޭޓުންނާއެކު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ނޫސްވެރިން ދެންނެވި ސުވާލުތަކަށް، އެމަނިކުފާނު ޖަވާބު ދެއްވިއެވެ.