ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ތިން ކެންޑިޑޭޓުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިއަދު މެންދުރު 11.30 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، އަންނަ ހޮނިހިރު ދުވަހު ރިޔާސީ އިންތިޚާބު ބޭއްވެވުމާ ގުޅޭގޮތުންނާއި، ނޮވެންބަރު 11 ގައި ރައީސުލްޖުމްހޫރިއްޔާއަކު ނެތް ޙާލަތެއްގައި، ދައުލަތުގެ ކަންތައްތައް ގެންދާނެގޮތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

އެއަށްފަހު، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ރިޔާސީ ކެންޑިޑޭޓުންނާއެކު މިބޭއްވެވި މަޝްވަރާތަކުގެ ތަފްޞީލު ދެއްވިއެވެ.