ހިޖުރީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ތަހުނިޔާ ފޮނުއްވައިފިއެވެ. މިދަންނަވާލަނީ މިމުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖެވެ.

"ހިޖުރީ އާ އަހަރަކާ އަޅުގަނޑުމެން ބައްދަލުކުރާ މި އުފާވެރި މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، މިމުނާސަބަތުގެ ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސް ކުރުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.

ހިޖުރީ ކޮންމެ އާ އަހަރެއްގެ ފެށުން އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ، އިސްލާމީ ތާރީޚުގެ ވަރަށް ޢިބުރަތްތެރި ހާދިސާއެއް ކަމަށްވާ ކީރިތި ރަސޫލާ مُحَمَّـد صـلّى الله علـيـه وسـلّم މައްކާ ދޫކުރައްވައި، މަދީނާއަށް ކުރެއްވި ހިޖުރައިގެ ހާދިސާގެ މަތިންނެވެ. އަދި ހިޖުރައިގެ މަޢުނަވީ ފިލާވަޅުތަކާއި މުސްލިމުންނަށް ލިބުނު ނަޞްރާއި ކާމިޔާބީގެ ހަނދާންތަކުގެ މަތިންވެސްމެއެވެ. ހިޖުރައިގެ ހާދިސާއަކީ، މުސްލިމު އަޚުންނާއި އުޚުތުންގެ މެދުގައި ޤާއިމުކުރެވިފައި އޮންނަންޖެހޭ އުޚުއްވަތްތެރިކަމުގެ ގާތް ގުޅުމާއި، އެއްބައިވަންތަކަމުގެ ގުޅުން އަޅުގަނޑުމެންގެ ހިތްތަކަށް ގެނެސްދޭ ވަރަށް މުހިންމު ހާދިސާއެކެވެ. އެ ހާދިސާއިން އަޅުގަނޑުމެންގެ ހިތްތަކަށް ލިއްބައިދެނީ އެކުވެރިކަމާއި، އެއްބައެއްވަންތަކަމާއި، އުޚުއްވަތްތެރިކަމުގެ ހަނދާންތަކެވެ.

ހިޖުރީ އާ އަހަރަކާ ކުރިމަތިލާއިރު، މިވަގުތަކީ، މާތްވެގެންވާ އިސްލާމްދީން، މި އުންމަތަށް ގެނެސްދިން އެކުވެރިކަމާއި އެއްބައިވަންތަކަމުގެ މަތިވެރި ގުޅުން އަޅުގަނޑުމެންގެ ހިތްތަކަށް ގެނެސް، އެ ގުޅުން އިތުރަށް ވަރުގަދަ ކުރުމުގެ ޢަޒުމު އާކުރުމުގެ ވަގުތެވެ. މިއީ، ރާއްޖޭގެ ސިޔާސީ މަސްރަޙު ހަލަބޮލިވެފައިވާ ދަނޑިވަޅެއް ކަމަށްވިޔަސް، އަޅުގަނޑުމެންގެ މެދުގައި ޤާއިމުވެފައި އޮންނަންޖެހޭ އެއްބަނޑުއެއްބަފާކަމާއި އުޚުއްވަތްތެރިކަމުގެ ގުޅުންތަކަށް އެއްވެސް ހީނަރުކަމެއް އަޔަދީގެނެއް ނުވާނެއެވެ. އަދި އަޅުގަނޑުމެން މަސައްކަތް ކުރަންވާނީ، އެ ގުޅުންތައް ވަރުގަދަކޮށް، މުޖުތަމަޢުގައި އަމަންއަމާންކަން ޤާއިމުކުރުމަށް އިސްކަންދީގެންނެވެ. ޤައުމީ މަޞްލަޙަތު ކުރިއަށްނެރެ، އިސްލާމީ އުޚުއްވަތްތެރިކަމުގެ މަތިވެރި ނަމޫނާ ދައްކައިގެންނެވެ. އަޅުގަނޑުމެންނާ ޚިޔާލާއި ފިކުރުގެ ގޮތުން ތަފާތު މީހުންނަކީވެސް އެއް އުންމަތެއްގެ، އެއް ޤައުމެއްގެ ބައެއްކަން ހަނދާންކޮށްގެންނެވެ.

ހިޖުރީ އާ އަހަރު މިފެށެނީ، ރާއްޖޭގެ ސިޔާސީ ޙަޔާތުގެ ވަރަށް މުހިންމު މަރްޙަލާއަކާ އަޅުގަނޑުމެން ކުރިމަތިލާ ވަގުތެއްގައެވެ. އަންނަ ހޮނިހިރު ދުވަހަކީ، ރާއްޖޭގެ ރިޔާސީ އިންތިޚާބު އަލުން ބާއްވާ ދުވަސްކަމަށްވުމާއެކު، އިންތިޚާބަށް ތައްޔާރުވުމަށް ކުރެވޭ މަސައްކަތްތައް، އަމާންކަމާއި އޮމާންކަމާއެކު ކުރިއަށް ގެންދަން އެބަޖެހެއެވެ. އަދި އިންތިޚާބު ކާމިޔާބު ކުރައްވާ ބޭފުޅަކު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގެ ހުވައި ކުރައްވައި، ދައުލަތް ހިންގެވުމާ ހަވާލުވެވަޑައިގަންނަވަން އެބަޖެހެއެވެ. އެހެންކަމުން، ޤައުމަށް ހެވާއި ލާބަޔަށް އެދިގެން އަދި ޤައުމުގައި އަމަންއަމާންކަން ޤާއިމުކޮށް، ސިޔާސީ މަސްރަޙުގެ ކުރިއެރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަކީ، ހިޖުރީ އާ އަހަރަކާ ބައްދަލުކުރާ މި އުފާވެރި މުނާސަބަތުގައި، އަޅުގަނޑުމެން އެންމެންގެ މައްޗަށް އޮތް ޤައުމީ ވާޖިބެކެވެ.

މާތްﷲ، މިފެށުނު 1435 ވަނަ އަހަރަކީ، ދިވެހިރާއްޖެއަށާއި ރާއްޖޭގެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް، ބާއްޖަވެރި އުފާވެރި އަހަރެއް ކަމުގައި ލައްވާށިއެވެ! އަޅުގަނޑުމެންގެ މެދުގައި، އެއްބަނޑުއެއްބަފާކަމާއި އުޚުއްވަތްތެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރައްވާށިއެވެ! އަދި އިސްލާމީ ޤައުމުތަކުގެ މެދުގައި ޞުލްޙައާއި އަމަންއަމާންކަން ޤާއިމު ކުރައްވާށިއެވެ!

ހިޖުރީ އާ އަހަރުގެ ފެށުމުގެ މުނާސަބަތުގައި، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، ބައިނަލްއަޤްވާމީ އިސްލާމީ ޖަމާޢަތްތަކުގެ ވެރިންނަށްވެސް ރައީސުލްޖުމްހޫރިއްޔާވަނީ ތަހުނިޔާ ފޮނުއްވާފައެވެ.