މިއަދަކީ، ރާއްޖޭގެ ނަޞްރުގެ ދުވަސް ކަމަށްވުމާއެކު، މިއަދުގެ މުނާސަބަތުގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

މިދަންނަވާލަނީ، ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖެވެ.

" 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހަކީ، ރާއްޖެއަށް ކުރިމަތިވި ބިރުވެރި ނުރައްކާތެރި ޢުދުވާނީ ޙަމަލާއިން اللّـه سبحـانـه وتعـالى ދިވެހި ޤައުމާއި ދިވެހި ރައްޔިތުން ސަލާމަތްކޮށްދެއްވައި، އަޅުގަނޑުމެންނަށް މަތިވެރި ކާމިޔާބީއާއި ނަޞްރު ދެއްވި ދުވަހެވެ. އެ ޙަމަލާއަށް މިއަދު 25 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، އެދުވަހުގެ އެ ބިރުވެރި ވަގުތުތަކުގެ މަތިން ހަނދާންކޮށް، އެ މަތިވެރި ނަޞްރު ދެއްވިކަމަށްޓަކައި އެކަލާނގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވަމެވެ. އަދި އެ ނުރައްކާތެރި ޙަމަލާ ކުރިމަތިވިހިނދު، މާތްވެގެންވާ އިސްލާމްދީނުގެ ދިފާޢުގައި އަދި ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކޮށްދެއްވުމަށް ޖިހާދު ކުރެއްވި ހިތްވަރުގަދަ ބަޠަލުންގެ މަތިން ހަނދާންކޮށް، އެ އަބްޠާލުންނަށް މާތް ﷲ، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. އަދި އެއަށްފަހު، ނަޞްރުގެ ދުވަހުގެ އިޚްލާޞްތެރި ތަހުނިޔާ، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ދަންނަވަމެވެ.

ނޮވެންބަރު 3ގެ ޙާދިޘާއަކީ، ދުވަހަކުވެސް އަޅުގަނޑުމެންގެ ހިތްތަކުން ފިލައިގެންދާނެ ޙާދިޘާއެއް ނޫނެވެ. އެ ބިރުވެރި ޢުދުވާނީ ޙަމަލާއިން މާތްވެގެންވާ އިސްލާމްދީނާއި، މި ލޮބުވެތި ވަޠަނާއި، ދިވެހި ރައްޔިތުން ސަލާމަތްކޮށްދެއްވުމަށް، އެދުވަހު ދިވެހި ސިފައިން ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީއާއި، ދިވެހި ސިފައިން ދެއްކެވި ސާބިތުކަމާއި ހިތްވަރުގެ މަތިން މިއަދުވެސް ހަނދާންކޮށް، އެމަތިވެރި ޤުރުބާނީގެ އަގު ވަޒަންކުރަމެވެ.

ނޮވެންބަރު 3ގެ ޢުދުވާނީ ޙަމަލައިގެ ބިރުވެރި ހަނދާންތައް އަޅުގަނޑުމެންގެ ހިތްތަކަށް ގެންނައިރު، މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހިފައި މިވަނީ، އަޅުގަނޑުމެންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުން ވަރުގަދަ ކުރުމުގެ މައްޗަށެވެ. އަޅުގަނޑުމެންގެ ތެރޭގައި މިހާރު އުފެދިފައިވާ ބައިބައިވުންތަކާއި ހަމަނުޖެހުންތައް ޙައްލުކޮށް، ޤައުމުގެ އެއްބައިވަންތަކަމަށް ބުރޫއަރާފަދަ ޢަމަލުތަކުން ދުރުހެލިވުމުގެ މައްޗަށެވެ. ސިޔާސީ ފިކުރު ތަފާތުވި ކަމުގައިވިޔަސް، ޤައުމާއި ރައްޔިތުންގެ މަޞްލަޙަތައް އިސްކަންދީގެން މަސައްކަތް ކުރުމުގެ މައްޗަށެވެ. މިގޮތަށް އަޅުގަނޑުމެން މަސައްކަތް ކުރަމުންނުދާނަމަ، ޤައުމަށް އެކަމުން ބޮޑެތި ގެއްލުންތަކެއް ލިބުމަކީ، މާދުރުގައި އޮތް ކަމެއް ނޫނެވެ.

ހަމައެއާއެކު، މިއީ، އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ ކަންކަން އަޅުގަނޑުމެން އަމިއްލައަށް ޙައްލުކުރުމުގެ ވަގުތުވެސްމެއެވެ. އަޅުގަނޑުމެންގެ ކަންކަން ޙައްލުކުރަންޖެހޭނީ، އަޅުގަނޑުމެން އަމިއްލައަށެވެ. އަޅުގަނޑުމެންގެ ކަންކަމާބެހި، ގޮތް ކިޔައި ހެދުމުގެ ފުރުޞަތު، ބޭރުގެ އެއްވެސް ފަރާތަކަށް އަޅުގަނޑުމެން ދީގެނެއް ނުވާނެއެވެ. ބޭރުގެ ފަރާތްތަކަށް އެ ފުރުޞަތު ދިނުމަކީ، އަޅުގަނޑުމެންގެ މިނިވަން ކަމަށާއި މުސްތަޤިއްލު ކަމަށް އެކަމުން ނޭދެވޭ އަސަރުތަކެއް ފޯރައި، އިތުރު ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމެއްކަން އަބަދުވެސް އަޅުގަނޑުމެން ހަނދާންކުރަން ޖެހޭނެއެވެ.

މާތްﷲ، އަޅުގަނޑުމެންގެ ލޮބުވެތި ދިވެހިރާއްޖެއަކީ އަމާން، މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި އަބަދަށްޓަކައި ލަހައްޓަވާށިއެވެ! ދިވެހިރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަކަން ރައްކާތެރިކުރައްވާށިއެވެ! ދިވެހި ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރައްވާށިއެވެ! ނޮވެންބަރު 3 ގައި ކުރިމަތިވިފަދަ ބިރުވެރި ޙާދިޘާތަކުންނާއި، ރާއްޖެއަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކުން ދިވެހި ޤައުމާއި ރައްޔިތުން ސަލާމަތްކޮށްދެއްވާށިއެވެ!"