އިންޑިޔާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ކާރުކޮޅު އިންޑިޔާ ހައިކޮމިޝަން ކުރިމަތީގައި ޕާކުކޮށްފައި ވަނިކޮށް، އެ ކާރުކޮޅަށް ބަޔަކު ގާއުކައި، ގެއްލުންތަކެއް ދީފައިވާތީ، އެކަން ދިވެހި ސަރުކާރުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވައިފިއެވެ. މިކަން ދިވެހި ސަރުކާރުން ކުށްވެރި ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ބަޔާނެއްގައެވެ.

އިނގިރޭސި ބަހުން މިނެރުއްވި ބަޔާނުގައި، މިއީ ވަރަށް ފިނޑި ޢަމަލެއް ކަމަށާއި، މި ޢަމަލު ތަޙުޤީގު ކުރައްވައި، މިކަން ކުރި ބަޔަކު ހޯދައި، އިންޞާފުގެ ކުރިމައްޗަށް ވަރަށް އަވަހަށް ގެނެވޭނެ ކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވާފައިވެއެވެ. އަދި ރާއްޖޭގައި ދިރިއުޅުއްވާ ބޭރުގެ ޑިޕްލޮމެޓުންނަށާއި، މުދަލަށް ގެއްލުންވާފަދަ މިފަދަ ޤާނޫނާ ޚިލާފު ޢަމަލުތައް، ދިވެހި ސަރުކާރުން އެއްގޮތަކަށްވެސް ބަލައިނުގަންނާނެ ކަމަށާއި، ރާއްޖޭގައި އުޅުއްވާ ޑިޕްލޮމެޓުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް، ކުރެއްވެން އޮތް ހުރިހާ ކަމެއް ސަރުކާރުން ކުރައްވާނެ ކަމުގެ ޔަޤީންކަންވެސް ދެއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ބަޔާނުގައި، އިންޑިޔާއާއި ރާއްޖެއާއި ދެމެދު އޮންނަނީ، ވަރަށް ޒަމާންވީ ރަޙްމަތްތެރި ކަމުގެ ގުޅުމެއް ކަމަށާއި، އިންޑިޔާއިން ރާއްޖެއަށް ދެއްވާފައިވާ އެހީތެރިކަމާއި އެއްބާރުލުމަށް، ދިވެހި ސަރުކާރާއި ރައްޔިތުން ނުހަނު ބޮޑަށް ޝުކުރުވެރިވާ ކަމުގައި ވިދާޅުވެފައިވެއެވެ. އަދި ދެ ޤައުމުގެ ދެމެދުގައިވާ ގާތް ގުޅުން، ކުރިއަށް އޮތް ތާނގައިވެސް އިތުރުވެގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް ބަޔާންކުރައްވާފައިވެއެވެ.