އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ ތެރެއިން މެންބަރަކު އިސްތިޢުފާ ދެއްވާފައިވާތީ، އެކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުއްވާލައްވައިފިއެވެ. އެ ފުރުޞަތު ހުޅުއްވާލައްވައި، އެ އޮފީހުން ސަރުކާރުގެ ގެޒެޓްގައި މިއަދު ޝާއިޢު ކުރައްވާފައިވާ އިޢުލާނުގައިވާ ގޮތުން، އެ ފުރުޞަތު ހުޅުއްވާލައްވާފައިވަނީ، މިއަދުން ފެށިގެން އަންނަ ނޮވެމްބަރު މަހުގެ 4ވާ ހޯމަ ދުވަހުގެ މެންދުރުފަހު 3.30ގެ ނިޔަލަށެވެ.

ޤާނޫނު ނަންބަރު 2008/8 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު)ގެ 5 ވަނަ މާއްދާގައި، ކޮމިޝަނުގެ މެންބަރު ކަމަށް ޢައްޔަނުކުރާ މީހުންގެ ކިބައިގައި ފުރިހަމަވާންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ޝަރުޠުތައްވެސް މިއަދު ގެޒެޓް ކުރެއްވި އިޢުލާނުގައި ބަޔާންކުރައްވާފައިވެއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި އިޤްރާރު ދޫކުރުމާއި، ފޯމާއި އިޤްރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8.00 އިން މެންދުރުފަހު 3.30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އަދި މި ފޯމާއި އިޤްރާރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. ވެބްސައިޓްގެ އެޑްރެހަކީ www.presidencymaldives.gov.mv އެވެ.