އަޒަރުބައިޖާނުގެ ރައީސް ކަމުގެ މަގާމަށް އިލްހާމް ހައިދަރު އޮގްލޫ އަލިޔެވް، އާ ދައުރަކަށް އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން، އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ތަހުނިޔާ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ރައީސް އަލިޔެވަށް ވަރަށް ހޫނު ތަހުނިޔާއެއް ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.

ރައީސް އަލިޔެވްގެ މި ކާމިޔާބީއިން ރަމްޒުކޮށްދެނީ، ފާއިތުވެދިޔަ ދައުރުގައި އެމަނިކުފާނުގެ ސަރުކާރުން ނަތީޖާ ޙާޞިލުކޮށްފައިވާ މިންވަރު ކަމަށާއި، އަޒަރުބައިޖާނުގެ ރައްޔިތުންގެ ހިތްތަކުގައި ރައީސް އަލިޔެވަށް އޮތް ތާއީދާއި އިތުބާރު ކަމުގައި ވިދާޅުވެފައިވެއެވެ. އަދި ރައީސް އަލިޔެވްގެ ޒަޢާމަތުގައި، އަޒަރުބައިޖާން މި ދަތުރުކުރަނީ، އާ މިޞްރާބަކަށް ކަމަށާއި، މިކަމުން ބައިނަލްއަޤްވާމީ މަޞްރަޙަށްވެސް ފައިދާތަކެއް ކުރާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި ވިދާޅުވެފައިވެއެވެ. އަދި ދިވެހިރާއްޖެއާއި އަޒަރުބައިޖާނާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން، ރައީސް އަލިޔެވްގެ ޒަޢާމަތުގައި އިތުރަށް ތަރައްޤީވެ، ކުރިއަރަމުންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.