7 ސެޕްޓެންބަރު 2013 ގައި ބޭއްވުނު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު އެއީ ބާޠިލް އިންތިޚާބެއްކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައެޅުއްވުމާއި ގުޅިގެން، 2013 ގެ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު ވަޙީދު ވާދަނުކުރެއްވުމަށް ނިންމަވައިފިއެވެ.

ވޯޓުލުމުގެ ޙައްޤުލިބިގެންވާ މީހުންގެ ދަފްތަރު އެކުލަވާލުމާއި، ވޯޓުލުމަށްޓަކައި ރަޖިސްޓަރީކުރުމާއި އިންތިޚާބާގުޅޭ އެނޫންވެސް ކަންކަމުގައި ގިނަ މައްސަލަތަކެއް ހުރިކަމަށާއި، އިންތިޚާބުގައި ވާދަކުރި ފަރާތްތަކަށް އިންތިޚާބުގައި އަލުން ވާދަކުރުމާއި ނުކުރުމުގެ ޙައްޤު ލިބިގެންވާކަމުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމަވާފައިވަނިކޮށް، ރައީސުލްޖުމްހޫރިއްޔާ މިގޮތަށް މި ނިންމެވީ، އިލެކްޝަންސް ކޮމިޝަނުގެ މިނިވަންކަމާއި ނަޒާހަތްތެރިކަމާމެދު ކަންބޮޑުވާފަދަ ޝަކުވާތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި، އިތުރު މައްސަލަތައް އުފަންނުކުރައްވައި އެމަނިކުފާނުގެ އަމިއްލަފުޅު މަޞްލަޙަތަށްވުރެ ޤައުމީ މަޞްލަޙަތު އިސްކުރެއްވުމުގެ ގޮތުންނެވެ.

މިގޮތަށް ނިންމެވި ނަމަވެސް، ހިނގަމުންމިދާ ރިޔާސީ ދައުރު ނިމެންދެން ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުގައި އެމަނިކުފާނު ދެމިހުންނަވާނެއެވެ. ކުރިއަށް އޮތްތަނުގައި، ސުލްޙަ މަސަލަސްކަމާއި ހަމަޖެހުން ދަމަހައްޓައި، އިންތިޚާބުގެ ކަންތައްތައް އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމަށް ސަރުކާރުން ކުރައްވަން ޖެހިވަޑައިގަންނަވާ ކޮންމެކަމެއް އެމަނިކުފާނު ކުރައްވަމުން ގެންދަވާނެއެވެ.