ދިވެހިރާއްޖޭގެ ތިމާވެށި ޙިމާޔަތް ކުރުމާއި، ފެނާއި، ނަރުދަމާއާއި، އިޢާދަކުރަނިވި ހަކަތައާއި، ކުނި މެނޭޖް ކުރުމުގެ ދާއިރާއިން އެކިއެކި މަޝްރޫޢުތައް ހިންގުމަށާއި، މި ދާއިރާތަކަށް ބޭރުގެ ފަރާތްތަކުންލިބޭ އެހީ އިތުރުކުރެއްވުމަށާއި، މިކަންކަމަށް އެހީގެ ގޮތުގައި ލިބޭ ފައިސާ ހަރުދަނާ ނިޒާމެއްގެ ތެރެއިން ބެލެހެއްޓެވުމަށްޓަކައި [މޯލްޑިވްސް ގްރީން ފަންޑް ކަމްޕެނީ ލިމިޓެޑް] މި ނަމުގައި، ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅިފައިވާ، ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ ސަރުކާރު ކުންފުންޏެއް، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފައްދަވައިފިއެވެ. މޯލްޑިވްސް ގްރީން ފަންޑް ވެގެންދާނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ދާއިރާއިންނާއި، ތިމާވެށީގެ ރޮނގުންނާއި، އިޢާދަކުރަނިވި ހަކަތައިގެ ރޮނގުން ރާއްޖެއަށް ލިބޭ ފައިސާ، ސީދާ ދިވެހި ސަރުކާރުގެ ބެލުމުގެ ދަށުން، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް މެނޭޖުކުރުމުގެ ޤާބިލުކަން ލިބިފައިވާ މުއައްސަސާއަކަށެވެ.

މި ދެންނެވި ރޮނގުތަކުން ރާއްޖެއިން ބޭރުން ލިބޭ އެހީގެ ފައިސާ، ސަރުކާރުގެ ބެއްލެވުމުގެ ދަށުން މެނޭޖުކުރެވޭނެ ގޮތެއް މިހާތަނަށް ވަނީ ޤާއިމު ނުކުރެވިއެވެ. އަދި މިފަދަ މުއައްސަސާއެއް އުފެދިފައިނެތުމާއެކު، ޕްރައިވެޓް ސެކްޓަރަށް ބޭނުންވާ ފައިސާގެ މުޢާމަލާތުތައް ހިންގޭނެ ގޮތެއްވަނީ ނެތިފައެވެ. އެހެންނަމަވެސް، މޯލްޑިވްސް ގްރީން ފަންޑް އުފެދުމުން، ރާއްޖެއާއި ބޭރުގެ އިންވެސްޓަރުންނަށް، ކުރިން މިދެންނެވި ރޮނގުތަކުން އިންވެސްޓް ކުރުމަށް ބޭނުންވާ ފައިސާ، ފަސޭހަކަމާއެކު، ހޯދުމުގެ މަގު ފަހިވެގެންދާނެއެވެ. އެހެންކަމުން، ރާއްޖެއަށް މިރޮނގުތަކުން ފައިސާ ހޯދުމަށާއި، ލިބޭ ފައިސާ ބޭނުންކުރުމަށާއި، އެކިއެކި ވަސީލަތްތައް އިތުރުކުރުމަށް ލިބިގެން މި ދިޔައީ އިތުރު ކުރިއެރުމެކެވެ.

މޯލްޑިވްސް ގްރީން ފަންޑް އުފެއްދެވުމަށް ކުރައްވަންޖެހޭ މަސައްކަތްތައް އެންވަޔަރަންމަންޓް މިނިސްޓްރީން ކުރައްވަމުން ގެންދަވާތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. މި މުއައްސަސާ އުފެއްދެވީ، ބޭރުގެ ފަންނީ މާހިރުންގެ ލަފައާއި، މިފަދަ ފަންޑުތައް ދުނިޔޭގެ އެހެން ޤައުމުތަކުގައި ހިނގަމުންދާ ގޮތް ބައްލަވައި ދިރާސާތައް ކުރެއްވުމަށްފަހުގައެވެ. އަދި ވަރލްޑް ބޭންކާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ފުރިހަމަ އެހީތެރިކަމާއެކުގައެވެ.

މޯލްޑިވްސް ގްރީން ފަންޑް މެދުވެރިކޮށް މި ދެންނެވި ރޮނގުތަކުން އެކިއެކި މަޝްރޫޢުތައް ހިންގުމަށް ބޭރުގެ އެކި ފަރާތްތަކުން މިހާތަނަށް 130 މިލިއަން ޑޮލަރަށްވުރެ ގިނަ ޢަދަދެއްގެ ފައިސާ ވަނީ ހަމަޖެހިފައެވެ. އަދި މި ފަންޑަށް ރާއްޖެއިން ބޭރުން އަންނަންޖެހޭ އިތުރު ފައިސާވެސް އެކި މަރުޙަލާތަކުގައި ރާއްޖެއަށް އަންނަމުންދާނެއެވެ. މި މުއައްސަސާ ރަނގަޅަށް އިންތިޒާމުކޮށް ހިންގުމަށްޓަކައި ވަރލްޑް ބޭންކާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން މިހާރުވަނީ އެކަށީގެންވާ މިންވަރެއްގެ މާލީ އެހީއެއްވެސް ކަނޑައަޅާފައެވެ.

ކުދި ޖަޒީރާ ޤައުމުތަކުގެ ތެރެއިން މިހާތަނަށް މިފަދަ ފަންޑެއް ޤާއިމުކުރެވި ހިނގަމުންދަނީ އެންމެ ޤައުމެއްގައެވެ. އަދި ތަރައްޤީވަމުން އަންނަ އެކި ޤައުމުތަކުން މިފަދަ ފަންޑުތައް ޤާއިމުކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.