ޓީޗަރުންގެ ޚިދުމަތަކީ، މިނެގެން އަގުކުރެވޭނެ އެއްޗެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަހަރުގެ މުދައްރިސުންގެ ދުވަސް ފާހަގަކުރުމަށް މަޖީދިއްޔާ ސްކޫލްގެ ފަރާތުން ރޭ ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤައުމުގެ ތަރައްޤީގައި ޓީޗަރުންގެ ހިއްސާ ވަރަށް ބޮޑުކަން ފާހަގަ ކުރައްވައި، އެބޭފުޅުންގެ މަސައްކަތަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، މިހާރު ޤައުމުގެ އެކިއެކި މަތީ މަޤާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުންނަކީ، މަޖީދިއްޔާ ސްކޫލުން ތަޢުލީމު ހާސިލު ކުރެއްވި ބޭފުޅުންކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ޓީޗަރުންނަށް ކޮންމެ ދުވަހަކުވެސް ދިމާވަމުންދާ އެކިއެކި ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ޓީޗަރުންނަށް ދިމާވެފައިވާ މައްސަލަތަކަކީ ކުރިއްސުރެ ހައްލު ނުކުރެވި ހުރި މައްސަލަތަކެއްކަން ބަޔާންކުރައްވަމުން، އެއީ ވަރަށް ދެރަކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ސަރުކާރުން ބޭނުންވާ ހަލުވި މިނެއްގައި ކަންކަން ނުކުރެއްވެނީ ޤައުމުގެ މާލީ ހާލަތު ދަތިކަމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއަށްފަހު ޤައުމު ވެއްޓުނު އިޤްތިޞާދީ އަނދަވަޅުން އަދިވެސް އަރައިނުގަނެވޭކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ދައުލަތުގެ އާމްދަނީއަށްވުރެ އަބަދުވެސް ޚަރަދުތައް ބޮޑުވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.